ޔުއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ބަލިކޮށް ޔުވެންޓަސްއިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ޔުވެންޓަސް ކުއާޓާއަށް ދަތުރުކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށްގެންނެވެ. މި ދެ ޓީމު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓޮޓެންހަމްގެ ފުރަތަމަ އެގާރައިން އެރިކް ލަމޭލާ އަދި ސާޖް އޮރިޔާއަށް ފުރުސަތުދީފައި ނުވާއިރު އެ ކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ އެގާރައިން ފުރުސަތު ދީފައި ވަނީ ދެކުނު ކޮރެއާގެ ފޮވާޑް ހެއުން މިން ސޮންގެ އިތުރުން ކިއެރަން ޓްރިޕިއާ އަށެވެ. ހަމައެހެންމެ އަނިޔާއިން އެނބުރި އައިސް ޕައުލޯ ޑިބާލާ އާއި ގޮންޒާލޯ ހިގުއައިންގެ އިތުރުން ބްލެއިޒް މަޓުއިޑީ ވަނީ ޔުވެންޓަސްގެ ޓީމުގައި ހިމެނިގެން މި މެޗުގައި ކުޅެފައެވެ.
ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމްއިންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޓްރިޕިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ސޮންއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ޓޮޓެންހަމް އިން ފުރަތަމަ ހާފު ނިންމާލި އިރު ދެވަނަ ހާފުގައި ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. މި ހާފުގައި ޔުވެންޓަސްގެ ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގޮންޒާލޯ ހިގުއައިންއެވެ. އޭގެ ތިން މިނެޓު ފަހުން އެ ޓީމުން ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ހިގުއައިން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް ޑިބާލާއެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތު ލިބުނު ނަމަވެސް އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނީ އަމާޒަކީ ވިހާ ވެސް ދުރަށް ދަތުރުކުރުން ކަމަށާއި ކުއާޓާގައި ނުކުންނަން ޖެހޭނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށެވެ. އޭނާ ބުނީ މިވަގުތު ޓީމުން ދައްކަމުންދާ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިއަހަރުގެ މުބާރާތުގެ ވެސް ފެވަރިޓުންނަކީ ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާ ކަމަށް ދެކޭ ކަމަށެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ތިން މިނެޓުގެ ތެރޭގައި މުޅި މެޗު ޔުވެންޓަސް ކޮޅަށް އެނބުރިގެން ދިޔުމަކީ ހެދުނު ގޯސްތަކުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށެވެ. އޭނާ ބުނީ ކުޅުނު ދެ ލެގުގައި ވެސް މޮޅަށް ކުޅުނީ އޭނާގެ ޓީމު ކަމަށާއި އެހެން ނަމަވެސް އަމިއްލަ ޓީމުގެ ފަރާތުން ހެދުނު ގޯސްތަކެއްގެ ސަބަބުން މުބާރާތުން ވަކިވާން ޖެހުމަކީ ހިތްދަތި ކަމެއް ކަމަށެވެ. އޭނާ ބުނީ މިއަހަރުގެ މުބާރާތުގައި ކުޅެން ޖެހުނީ ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކާއި ދެކޮޅަށް ކަމަށާއި މިއީ ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
ކުއާޓާ ފައިނަލުގެ ގުރު ނެގުން އޮންނަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.