މިފަހަރުގެ ރެހެންދި އެވޯޑް 3 ފަރާތަކަށް ލިބިއްޖެއެވެ.
އެގޮތުން މިއަހަރު މި އެވޯޑް ލިބުނީ ހ. މާހާ އައިމިނަތު ވަހީދާ އާއި، ޅ. ނައިފަރު، ސީސައިޑް، ފާތުމަތު ނަޝްވާއާއި، ނ. ކުޑަފަރީ ލަކީ ކޯނާ، ޒޫނާ ނަސީމް އަށެވެ.
އާމިނަތު ވަހީދާ އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑް ސާވިސަސްގެ ޑިރެކްޓަރެވެ. ފާތުމަތު ނަޝްވާ އަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމު ހުންނެވި ކަނބަލެކެވެ. ޒޫނާ ނަސީމް އަކީ 23 އަހަރު ޑައިވިންގެ ދާއިރާއަށް ޚިދުމަތް ކޮށްފައިވާ އަދި މިހާރު ވެސް އެދާއިރާގައި މަސައްކަތް ކުރާ ކަނބަލެކެވެ.
ރެހެންދި އެވޯޑް ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ހިއްސާ ކުރާ އަގުހުރި މަސައްކަތްތަކާއި އާދާޔާހިލާފު ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރުން ގައުމީ ހިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުމާއި އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފުކޮށް، އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުން ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރެ އެވެ.
ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލު ކޮށްދެއްވާފައިވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
ޖެންޑަރ މިނިސްޓްރީން އިސްނަގައިގެން ދެމުންގެންދާ ރެހެންދި އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.