އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ޑާކާ އަބްހާނީ ބަލިކޮށް ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ނިއު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން އަފްޣާނިސްތާނުގެ ގައުމީ ޓީމުގެ ކެޕްޓަން އާމިރީއަށް އަނިޔާގެ ސަބަބުން ފުރުސަތު ގެއްލުނުއިރު އޭނާގެ ބަދަލުގައި ފެނިގެންގޮސްފައިވަނީ އަހުމަދު އަބްދުﷲ (ލިލީ) އެވެ.
މެޗު ފެށިގެން ނިއުގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން އެ ޓީމުގެ އެންމެ ކުރިޔަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަދި ސްޕެއިންގެ ގުއިލާމޭ މާޓީ ވަނީ އަބްހާނީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި ހާފުގައި އަބްހާނީގެ ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އެ ޓީމުގެ ކީޕަރުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ވެސް ނިއުއިން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. އެހެން ނަމަވެސް މިހާފުގައި އަބްހާނީއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އަބްހާނީއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު މެޗުގެ 57 ވަނަ މިނެޓުގައި ނިއުއިން ވަނީ މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައެވެ. އުމެއިރުގެ އެހީތެރިކަމާއެކު ނިއުއަށް މި ލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަބްހާނީއަށް މެޗުގައި އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެގެންދިޔައީ މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް ސަންޑޭ ޗިޒޯބާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް އަބްހާނީއިން ކުޅުނު ނަމަވެސް ނިއުއަށް އެކަމުގެ ފައިދާ ނެގިފައެއް ނުވެއެވެ.
އޭއެފްސީ ކަޕްގައި ނިއު ހިމެނިފައިވާ ގްރޫޕްގައި އެ ޓީމުގެ އިތުރުން ހިމެނިފައިވަނީ އަބްހާނީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ހަމަ އެގައުމުގެ އައިޒޮލް އެފްސީއެވެ. މި ގްރޫޕުގައި ދެން ކުޅެން އޮތް މެޗު ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށް ފަސްކޮށްފައެވެ. ނިއުގެ ދެވަނަ މެޗުގައި އަންނަ ހަފްތާގައި އެ ޓީމު ނުކުންނާނީ އައިޒޮލް އެފްސީއާ ދެކޮޅަށެވެ.