އާދިއްތަ ދުވަހު ކުއްލި ގޮތަކަށް މަރުވި އިޓަލީގެ ބައިނަލްއަގްވާމީ ކުޅުންތެރިޔާ ޑަވިޑޭ އަސްޓޯރީ ކުޅުނު ނަމްބަރު އޭނާ ކުޅުނު ދެ ޓީމުން ވެސް ރިޓަޔާ ކޮށްފިއެވެ.
އަސްޓޯރީގެ ކެރިއަރުގައި އެންމެ ގިނަ ދުވަހު ކުޅުނު ދެ ޓީމު ކަމަށްވާ ކަގްލިއާރީ އަދި ފިއޮރެންޓީނާގައި އޭނާ ބޭނުން ކުރި 13 ނަމްބަރު ޖާޒީ ދެ ޓީމުން ވެސް ވަނީ ރިޓަޔާ ކޮށްފައެވެ. އަސްޓޯރީ ވަނީ 2008 ވަނަ އަހަރު ކަގްލިއާރީއާ ގުޅުމަށް ފަހު އެ ޓީމުގައި އަށް ސީޒަން ހޭދަކޮށްފައެވެ. އެ ޓީމުގައި ހޭދަކުރި އަށް ސީޒަނުގައި އޭނާވަނީ އެ ޓީމަށް 174 މެޗު ކުޅެދީ ތިން ލަނޑު ޖަހައިދީފައެވެ. ފިއޮރެންޓީނާއާ އަސްޓޯރީ ގުޅުނީ 2016 ވަނަ އަހަރުއެވެ. އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުންއައި އަސްޓޯރީ ވަނީ އެ ޓީމަށް 58 މެޗު ކުޅެދީ ތިން ލަނޑު ޖަހައިދީފައެވެ.
މި ދެ ޓީމުން ވެސް އޭނާގެ ޖާޒީ ނަމްބަރު ރިޓަޔާ ކުރުމާއި ގުޅިގެން އެހެން އެއްވެސް ކުޅުންތެރިޔަކަށް މި ނަމްބަރު ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ނުދާނެއެވެ.
އަސްޓޯރީގެ މަރާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު އޭނާގެ ހަށިގަނޑުގެ އޮޓްޕްސީއެއް އަންގާރަ ދުވަހު ވަނީ ފުރިހަމަ ކޮށްފައެވެ. އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އޭނާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ކަމަށެވެ. އަދިނޭގެ ޗީފް ޕްރޮސެކިއުޓަރު އެންޓޯނިއޯ ޑިނިކޯލޯ ބުނެފަވަނީ މިވަގުތު އަސްޓޯރީގެ މަރާއި ގުޅިގެން އެއްވެސް މީހެއް ހައްޔަރުކޮށްފައިނުވާ ކަމަށާއި އެފަދަ ކަމެއްގައި ތުހުމަތުކުރެވޭ މީހެއް ވެސް ނެތް ކަމަށެވެ. އަސްޓޯރީގެ ހަށިގަނޑު ބުދަ ދުވަހުގެ ވަގުތެއްގައި ވަނީ ފްލޯރެންސަށް ގެންގޮސްފައެވެ.
އަސްޓޯރީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުދިނޭޒީއާ ދެކޮޅަށް ފިއޮރެންޓީނާ ކުޅޭ މެޗުގެ ކުރިން އެ ޓީމު ކޭމްޕްކުރި ހޮޓެލް ކަމަށްވާ "ލަ ޑި މޯރޭ" ގައެވެ. އޭނާ މަރުވީ ނިދީގައި އޮއްވާ ކަމަށް އޭނާގެ ކްލަބް ފިއޮރެންޓީނާއިން ހާމަކޮށްފައިވެއެވެ. އޭނާގެ މަރާއި ގުޅިގެން މި މެޗު ވެސް އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކެންސަލް ކޮށްފައެވެ. ހަމައެހެންމެ ޔުއެފާއިން ވެސް ވަނީ އޭނާގެ މަރާއި ގުޅިގެން މިހަފްތާގައި ކުޅޭ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތަކުގެ ކުރިން ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އުމުރުން 31 އަހަރުގެ އަސްޓޯރީގެ މަރާއި ގުޅިގެން އެ ކްލަބްއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ކުއްލި ހައިރާންކަމަކާއި މާޔޫސްކަމާއެކު އަސްޓޯރީ މަރުވެފައިވާ ކަމަށް ހާމަކުރާ ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އޭނާގެ އާއިލާއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން މީޑިއާތަކުން ވެސް ސަމާލުވުމަށް އެދޭކަމަށް ފިއޮރެންޓީނާގެ ބަޔާނުގައިވެއެވެ.
އޭސީ މިލާންގެ ޒުވާން ޓީމުން ތަމްރީނުވި އަސްޓޯރީ ވަނީ އޭނާގެ 12 އަހަރުވީ ކެރިއަރުގައި އެ ޓީމުގެ އިތުރުން ރޯމާ އާއި ކަގްލިއާރީ އަދި ފިއޮރެންޓީނާއަށް ކުޅެފައެވެ. މޮޅު ޑިފެންޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އަސްޓޯރީ ވަނީ އިޓަލީގެ ގައުމީ ޓީމަށް 14 މެޗު ކުޅެ އެއް ލަނޑު ޖަހައިދީފައެވެ. އޭނާގެ ކުއްލި މަރާއި ގުޅިގެން ފުޓްބޯޅައިގެ ދުނިޔޭގެ ގިނަ ފަރާތްތަކަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.