ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްއިން އަށް އަހަރަށް ފަހު އިނގިރޭސިވިލާތުގެ ލިވަޕޫލް ޖާގަ ހޯދައިފިއެވެ.
ލިވަޕޫލް ކުއާޓާއަށް ދަތުރުކުރީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބަލިކޮށްގެންނެވެ. މި ދެ ޓީމު ޕޯޓޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 5-0 އިން ލިވަޕޫލް ކާމިޔާބުކުރިއިރު ލިވަޕޫލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިދިޔަ ހަފްތާގައި ނިއުކާސަލް އަތުން މޮޅުވި ލިވަޕޫލްގެ ޓީމުގައި ހިމެނުނު ފަސް ކުޅުންތެރިޔަކަށް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ނިއުގެ ފުރަތަމަ އެގާރައިން ފެނިގެން ގޮސްފައިވަނީ ޖޮއެލް މަޓިޕް އާއި އަލްބާޓޯ މޮރޭނޯ އާއި ޖޭމްސް މިލްނާ އަދި އެޑަމް ލަލާނާގެ އިތުރުން ޖޯ ގޯމޭޒްއެވެ. ހަމައެހެންމެ މި މެޗުގައި ޕޯޓޯގެ ފުރަތަމަ އެގާރައިން ހަތް ބަދަލެއް ވަނީ ފެނިގެން ގޮސްފައެވެ.
ފުރަތަމަ ހާފު ފެށިގެން ދެ ޓީމުން ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގައި ހެޓްރިކް ހެދި ސަދިއޯ މާނޭ 31 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާއެއް ވަނީ ޕޯޓޯގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. ޕޯޓޯގެ އެންމެ ކުރިޔަށް ކުޅެމުން އައި ވިންސެންޓް އަބޫބަކުރަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާ އުފެއްދުމަށް މަސައްކަތްކުރިއިރު ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް ވަނީ ރަނގަޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ. ވަކިން ހާއްސަކޮށް ޕޯޓޯގެ ގޯލު ބަލަހައްޓަމުން އައި ތަޖުރިބާކާރު ކީޕަރު އީކާ ކަސިޔަސް ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްއިން ލިވަޕޫލް ޖާގަ ހޯދާފައިވާއިރު އެ ޓީމު އެންމެފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރުކުރީ 2009 ވަނަ އަހަރުއެވެ. އެފަހަރުގެ ކުއާޓާ ފައިނަލްއިން އެ ޓީމު ކެޓީ ވާދަވެރި ޗެލްސީ އަތުންނެވެ. މި މެޗު ވެގެން ގޮސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުން އަމިއްލަ ދަނޑުގައި ލިވަޕޫލްގެ ފަރާތުން ލަނޑެއް ނުފެނުނު ފުރަތަމަ މެޗަށެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ މެޗުގައި ލިބުނީ މަދު ފުރުސަތުތަކެއް ކަމަށާއި އެހެން ނަމަވެސް ކުއާޓާއަށް ދަތުރުކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ އުއްމީދުކުރީ ދެ ލެގު ވެސް ކާމިޔާބުކުރަން ކަމަށާއި އެގޮތަށް ކަންކަން ނުވިނަމަވެސް އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. ކްލޮޕް ބުނީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ޓީމުތަކުގެ ތެރޭގައި ހިމެނުން ލިވަޕޫލްއަށް ހައްގު ކަމަށާއި ކުއާޓާ ފައިނަލުގައި ނުކުންނަން ޖެހޭނީ މިއަށްވުރެ އުނދަގޫ ޓީމުތަކާއި ދެކޮޅަށް ކަމަށެވެ.
ކުއާޓާ ފައިނަލުގައި ލިވަޕޫލް ވާދަކުރާ ޓީމު އަދި ކަށަވަރުވެފައެއް ނުވެއެވެ.