ކ. މާލެ
|
7 މާރޗް 2018 | ބުދަ 17:29
މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޕީއެސްޖީގެ ހުވަފެން ރެއާލްއިން ނިމުމަކަށް ގެނެސްފި
ދެވަނަ ލެގު ރެއާލްއިން ކާމިޔާބުކުރީ 2-1 އިން
ރެއާލް ކުއާޓާއަށް ދަތުރުކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފްރާންސްގެ ޕީއެސްޖީއިން ދެކެމުން އައި ހުވަފެން މިދިޔަ ދެ ސީޒަނުގައި ވެސް މި މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ރެއާލް މެޑްރިޑްއިން ނިމުމަކަށް ގެނެސްފިއެވެ.

ރެއާލް ކުއާޓާއަށް ދަތުރުކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 3-1 އިން ރެއާލް ކާމިޔާބު ކުރިއިރު ޕީއެސްޖީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ވެސް ކާމިޔާބުކުރީ ރެއާލް މެޑްރިޑްއެވެ. ރެއާލްގެ ފުރަތަމަ އެގާރައިން ބޮޑެތި ބަދަލުތަކެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ލޫކާ މޮޑްރިޗް އަދި ގެރެތް ބޭލްގެ އިތުރުން ޓޯނީ ކްރޫސްއަށް ފުރުސަތު ދީފައެއް ނުވެއެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށްވާ ނޭމާ ކުޅެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ލަނޑު ޖެހުމަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. މި ހާފުގައި ރެއާލްއަށް ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތުތައް ލިބިފައިވަނީ ސާޖިއޯ ރާމޯސް އަދި ކަރިމް ބެންޒެމާއަށެވެ. އެހެން ނަމަވެސް ޕީއެސްޖީގެ ކީޕަރު އަރެއޯލާ ވަނީ މި ދެ ހަމަލާ ވެސް ދިފާއުކޮށްފައެވެ. މި ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޕީއެސްޖީގެ އެމްބާޕޭއަށް ވެސް ވަނީ ލަނޑު ޖެހުމަށް ނުރައްކާތެރި ފުރުސަތެއް ލިބިފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ހަ މިނެޓު ނުވަނީސް ރެއާލްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ލޫކަސް ވަސްކުއޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި މެޗުގައި ޕީއެސްޖީއަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެގެންދިޔައީ މެޗުގެ 66 ވަނަ މިނެޓުގައި މާކޯ ވެރާޓީއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެހެން ނަމަވެސް 71 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ރެއާލް މި މެޗުން މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ކަސިމޭރޯއެވެ.

މިއީ 2016 ވަނަ އަހަރުގެ މާޗް މަހު މޮނާކޯ އަތުން ބަލިވި ފަހުން އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިވި ފުރަތަމަ މެޗެވެ. ހަމައެހެންމެ ވޭތުވެދިޔަ އަށް ސީޒަނުގައި ވެސް ރެއާލް މެޑްރިޑްއިން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗުގައި ޖެހި ލަނޑާއެކު ރޮނާލްޑޯ ވަނީ ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހާފައެވެ. މި މެޗު ވެގެން ގޮސްފައިވަނީ ރެއާލްގެ އެންމެ ކުރިޔަށް ކުޅެމުން އަންނަ ބެންޒެމާ ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗަށެވެ.

ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ބުނީ ޗެމްޕިއަންސް ލީގު ކޮންމެވެސް އެއް ދުވަހަކުން ކާމިޔާބު ކުރެވޭނެ ކަމަށާއި ޓީމު ވަރުގަދަ ކުރުމަށް އަދިވެސް ކަންކަން ކުރަން އެބަހުރި ކަމަށެވެ.

ކުއާޓާ ފައިނަލުގައި ރެއާލް ކުޅޭނެ ޓީމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް