ސިންގަޕޫރުގެ އަންހެން ފުޓްބޯޅަ ޓީމާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
ސިންގަޕޫރުގައި ކުޅުނު މި މެޗުން ރާއްޖެ އަތުން އެ ޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު ސިންގަޕޫރުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފު ނިމިފައިވަނީ ދެ ޓީމު ވެސް އެއްވަރުވެ އޮވެގެންނެވެ.
ދެވަނަ ހާފުގައި ސިންގަޕޫރުން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ދެވަނަ ހާފު ފެށިގެން ހަ މިނެޓު ނުވަނީސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ އެ ޓީމުން ލީޑު ނެގުމެވެ. ރާއްޖޭގެ ކީޕަރު އައިޝަތު އަބްދުލް ރައްޒާގު (އައިޝާ) ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސިންގަޕޫރަށް ލީޑު ނަގައިދިނީ އުމުރުން އެންމެ 14 އަހަރުގެ ކުޅުންތެރިޔާ ޕުތުރީ ނޫރު ސިޔާލިޒާއެވެ. ސިންގަޕޫރުގެ ދެވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ސްޓެފަނީ ޑޮމިންގޭޒްއެވެ.
މި މެޗުގައި ރާއްޖޭގެ ޓީމަށް ސިންގަޕޫރުގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އެފްއޭއެމްއިން އަންނަނީ ރާއްޖޭގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އަންހެން ޓީމުތަކަށް ބައިނަލްއަގްވާމީ މެޗު ކުޅުމުގެ ފުރުސަތު ހޯދައިދެމުންނެވެ.