އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ބޭނުންވާނަމަ ލިބޭ ފުރުސަތުތަކުގެ ބޭނުން ފޯވާޑުން ހިފަންޖެހޭނެ ކަމަށް ޑާކާ އަބްހާނީގެ ކޯޗު ސައިފުލް ބާރީ ޓޫޓޫ ބުނެފިއެވެ.
އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އަބްހާނީގެ ކޯޗު ބުނެފައިވަނީ ހުރިހާ ކަމެއް ވެސް ބިނާވެފައިވަނީ ފޯވާޑުންގެ މައްޗަށް ކަމަށާއި އަބަދު ވެސް މެޗުތަކުން ޕޮއިންޓް ގެއްލިފައިވަނީ ލަނޑު ޖެހުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ އެ ގައުމުގެ ސައިފް ސްޕޯޓިން ކްލަބާއި ރާއްޖޭގެ ޓީސީ ކުޅުނު މެޗުގައި ވެސް ސައިފް ބަލިވީ އެ ޓީމުގެ ފޯވާޑުންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅުވުމުގައި ނަފްސާނީ ގޮތުން ތައްޔާރުވާން ޖެހޭ ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ޓީމުގައި ހިމެނޭ ބޭރު ކުޅުންތެރިންނާއި އެއްވަރަށް ބަންގަލަދޭޝްގެ ކުޅުންތެރިން ވެސް ޕާފޯމް ކުރަންޖެހޭ ކަމަށެވެ.
އޭނާ ބުނީ ޓީމުގެ ބެލެންސް ވަރަށް ރަނގަޅު ވެއްޖެ ކަމަށާއި ބިދޭސީ ހަތަރު ކުޅުންތެރިންނަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ކުރިއިރުމެއް ކަމަށެވެ. އަދި ޓީމުގައި ތިބި އަމިއްލަ ގައުމުގެ ކުޅުންތެރިންނަށް ވެސް މިއީ ރަނގަޅު ތަޖުރިބާއެއް ކަމަށާއި މިދިޔަ ސީޒަނާއި އަޅާބަލާއިރު ތައްޔާރީތައް ވެސް ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި މުޅި ސީޒަން ވެސް ކުޅެފައިވަނީ ވަރަށް އިތުބާރާއެކު ކަމަށާއި އެ އިތުބާރު މި މެޗުގައި ފެނިގެން ގޮސްފިނަމަ މެޗު ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
އަބްހާނީގެ ފޯވާޑް ލައިނުގައި ހަރަކާތްތެރިވަމުން އަންނަނީ ނައިޖީރީއަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށްވާ އެމޭކާ ޑާލިންޓަން އަދި ސަންޑޭ ޗިޒޯބާއެވެ. ނިމިގެންދިޔަ ބަންގްލަދޭޝް ޕްރިމިއާ ލީގުގައި މި ދެ ކުޅުންތެރިން ވަނީ 16 ލަނޑު އަބްހާނީއަށް ޖަހައިދީފައެވެ. މިއީ އަބްހާނީ އޭފްސީ ކަޕްގައި ފެނިގެންދާނެ ދެވަނަ ފަހަރެވެ. ހަ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ޗެމްޕިއަންކަން ހޯދާފައިވާ އަބްހާނީ މިދިޔސީޒަނުގެ އޭއެފްސީ ކަޕުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.