ހދ މަކުނުދޫ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލް މެންބަރ ހުސައިން ސާމީ ވިދާޅުވީ އެމީހާ ފެނިފައިވަނީ އެރަށުން މަހަށް ނިކުމެ އުޅުނު "އާއިލާ 2" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަސަޢި ކައުންސިލަށް އެކަން އަންގާފައި ވަނީ ގާތްގަނޑަކަށް މެންދުރު އެއް ޖަހާކަންހާއިރު ކަމަށެވެ.
މަކުނުދޫގެ 6 މޭލު ބޭރުން ފެނިފައިވާ އެހަށިގަނޑު ނެގުމަށްޓަކައި ކުޅުދުއްފުއްޓާއި މަކުނުދޫގައި ތިބޭ ފުލުހުން މިހާރު އެދިމާލަށް ދަތުރު ކުރަމުންދާއިރު، މަރުވެފައިވާ މީހާގެ ހަށިގަނޑު އޮތް ހިސާބުގައި ހަށިގަނޑު ފެނުނު ދޯނި މަޑުކޮށްލައިގެން އޮތްކަމަށްވެސް ސާމީ ވިދާޅުވިއެވެ.
ސާމީ ވިދާޅުވީ އެހަށިގަނޑުގައި އޮތީ ލައިފް ޖެކެޓެއް އަޅުވާފައި ކަމަށާއި އިތުރު މައުލޫމާތެއް އަދި ސާފުވެފައި ނުވާ ކަމަށެވެ. ނަމަވެސް ހަށިގަނޑު މާބޮޑަށް ހަލާކުވެފައި ނުވާނަމަ ވަޅުލުމަށްޓަކައި މަކުނުދޫއަށް ގެނައުމަށް ފުލުހުން ހަމަޖައްސާފައިވާ ކަމަށާއި މާބޮޑަށް ހަލާކުވެފައިވާނަމަ މޯޗަރީއަށް ގެންދިމަށް ނިންމާފައިވާކަމަށް ފުލުހުން ކައުންސިލަށް އަންގަވާފައިވާކަމަށްވެސް ސާމީ ވިދާޅުވިއެވެ.