ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 15:03
ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ އަށް އަނިޔާވެފައި
ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ އަށް އަނިޔާވެފައި
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ނޭމާ ނެތަސް ޕީއެސްޖީ އަށް ރެއާލް މެޑްރިޑް ބަލިކުރެވޭނެ: ޑެނީ އަލްވޭސް
އަނިޔާ އާ ގުޅިގެން ނޭމާ އަށް ވަނީ ސީޒަން ނިމިފަ
ޗެމްޕިއަންސް ލީގުގައި މިދެޓީމް ބައްދަލުކުރި ފުރަތަމަ ލެގު ރެއާލް ކާމިޔާބުކުރީ 3-1 ން
ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު 2-0 ން ކާމިޔާބު ކޮށްގެން ޕީއެސްޖީ އަށް މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގަ ލިބޭނެ

އަނިޔާގައި ހުރި ބްރެޒިލްގެ ފޯވާޑް ނޭމާ ނެތަސް، ފްރާންސްގެ ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަށް، ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ބަލި ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށް ޕީއެސްޖީގެ ޑިފެންޑަރ ޑެނީ އަލްވޭސް ބުނެފި އެވެ.

ފަޔާއި ކުޑަ ހުޅަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް ބްރެޒިލްގައި ހުރި ނޭމާ އަށް އަނިޔާގެ ސަބަބުން މި ސީޒަނުގެ ބާކީ ބައި ވަނީ ގެއްލިފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރަށުން ބޭރުގައި ކުޅުނު މެޗުގައި ރެއާލް މެޑްރިޑް އަތުން ޕީއެސްޖީ ބަލިވީ 3-1 ންނެވެ. އެހެންނަމަވެސް އަންގާރަ ދުވަހުގެރޭ މިދެޓީމް ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު 2-0 ން ކާމިޔާބު ކޮށްގެން ޕީއެސްޖީ އަށް މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ.

ނޭމާ އަށް އަނިޔާ ވެފައިވަނީ ފްރާންސް ލީގުގައި މިދިޔަ ހަފްތާގައި މާސޭ އަތުން 3-0 ން ޕީއެސްޖީ މޮޅުވި މެޗުގައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ ކުރިން ވާހަކަ ދައްކަމުން ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރ ޑެނީ އަލްވޭސް ބުނީ، ނޭމާ އާއެކު ޕީއެސްޖީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، ނޭމާ ނެތް ނަމަވެސް އެކްލަބުގައި ތިބި އެހެން ކުޅުންތެރިންނާއެކު ޕީއެސްޖީ ވަރުގަދަ ވާނެ ކަމަށެވެ.

އަލްވޭސް ބުނީ މިމެޗުގައި ނޭމާ ނެތް ތަން ދައްކާނެ ކަމަށާއި، އެހެންނަމަވެސް ނޭމާ ނެތިވެސް ޕީއެސްޖީ އިން ތަފާތު ދައްކާނެ ކަމަށެވެ.

ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި މިމެޗަށް ނުކުންނައިރު، މިސީޒަނުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ. އެހެންނަމަވެސް ރެއާޅް މެޑްރިޑާއި ދެކޮޅަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބައްދަލުކުރި ތިން މެޗުގައިވެސް ރެއާލް އަތުން ޕީއެސްޖީ މޮޅުވެފައެއްނުވެއެވެ.

ޕީއެސްޖީ އާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒޭމާ ޗެމްޕިއަންސް ލީގުގައި ކުޅޭ 100 ވަނަ މެޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް