ކ. މާލެ
|
5 މާރޗް 2018 | ހޯމަ 21:06
ފިއޮރެންޓީނާގެ ކެޕްޓަން އަސްޓޯރީ
ފިއޮރެންޓީނާގެ ކެޕްޓަން އަސްޓޯރީ
ގެޓީ އިމޭޖަސް
ފިއޮރެންޓީނާގެ ކެޕްޓަން
އަސްޓޯރީގެ މަރު ފުލުހުން ތަހުގީގު ކުރަނީ
އަސްޓޯރީ މަރުވެފައި އޮއްވާ ފެނުނީ ހޮޓެލް ރޫމެއްގެ ތެރެއިން
އޭނާ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ

ކުއްލި ގޮތަކަށް އާދީއްތަ ދުވަހު މަރުވި އިޓަލީގެ ފިއޮރެންޓީނާގެ ކެޕްޓަން ޑަވިޑޭ އަސްޓޯރީގެ މަރު އެ ގައުމުގު ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އަސްޓޯރީ މަރުވެފައި އޮއްވާ ފެނިފައިވަނީ އިޓަލީގެ ސިޓީއެއް ކަމަށްވާ އުދިނޭގެ ހޮޓެލް ރޫމެއްގެ ތެރޭގައެވެ. އެ ސިޓީގެ ޗީފް ޕްރޮސެކިއުޓރު އެންޓޯނިއޯ ޑި ނިކޯލޯ ބުނެފައިވަނީ ގަސްތުގައި އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެކަމާއި ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އޮޓޮޕްސީއެއް ފުރިހަމަކުރާނެ ކަމަށާއި އެއަށް ފަހު އެކަމުގެ ފަހަތުގައި ކަމެއް ފޮރުވިފައިވާނަމަ އެކަމެއް ދެނެގަނެވޭނެ ކަމަށެވެ. އޭނާ ބުނީ މިވަގުތު އެއްވެސް މީހަކު އަސްޓޯރީގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިނުވާ ކަމަށާއި އެފަދަ ކަމެއްގައި ތުހުމަތު ކުރެވޭ މީހެއް ވެސް ނެތް ކަމަށެވެ.

އަސްޓޯރީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުދިނޭޒީއާ ދެކޮޅަށް ފިއޮރެންޓީނާ ކުޅޭ މެޗުގެ ކުރިން އެ ޓީމު ކޭމްޕްކުރި ހޮޓެލް ކަމަށްވާ "ލަ ޑި މޯރޭ" ގައެވެ. އޭނާ މަރުވީ ނިދީގައި އޮއްވާ ކަމަށް އޭނާގެ ކްލަބް ފިއޮރެންޓީނާއިން ހާމަކޮށްފައިވެއެވެ. އޭނާގެ މަރާއި ގުޅިގެން މި މެޗު ވެސް އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކެންސަލް ކޮށްފައެވެ. ހަމައެހެންމެ ޔުއެފާއިން ވެސް ވަނީ އޭނާގެ މަރާއި ގުޅިގެން މިހަފްތާގައި ކުޅޭ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތަކުގެ ކުރިން ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އުމުރުން 31 އަހަރުގެ އަސްޓޯރީގެ މަރާއި ގުޅިގެން އެ ކްލަބްއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ކުއްލި ހައިރާންކަމަކާއި މާޔޫސްކަމާއެކު އަސްޓޯރީ މަރުވެފައިވާ ކަމަށް ހާމަކުރާ ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އޭނާގެ އާއިލާއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން މީޑިއާތަކުން ވެސް ސަމާލުވުމަށް އެދޭކަމަށް ފިއޮރެންޓީނާގެ ބަޔާނުގައިވެއެވެ.

އޭސީ މިލާންގެ ޒުވާން ޓީމުން ތަމްރީނުވި އަސްޓޯރީ ވަނީ އޭނާގެ 12 އަހަރުވީ ކެރިއަރުގައި އެ ޓީމުގެ އިތުރުން ރޯމާ އާއި ކަގްލިއާރީ އަދި ފިއޮރެންޓީނާއަށް ކުޅެފައެވެ. މޮޅު ޑިފެންޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އަސްޓޯރީ ވަނީ އިޓަލީގެ ގައުމީ ޓީމަށް 14 މެޗު ކުޅެ އެއް ލަނޑު ޖަހައިދީފައެވެ. އޭނާގެ ކުއްލި މަރާއި ގުޅިގެން ފުޓްބޯޅައިގެ ދުނިޔޭގެ ގިނަ ފަރާތްތަކަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް