ކ. މާލެ
|
5 މާރޗް 2018 | ހޯމަ 18:09
ބަޔާން އަދި ފްރެއިބާގް ކުޅުނު މެޗުގެ ތެރެއިން
ބަޔާން އަދި ފްރެއިބާގް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ބުންޑެސްލީގާ
ބުންޑެސްލީގާ: ބަޔާންގެ ލީޑު 20 ޕޮއިންޓަށް ފުޅާކޮށްފި
ލީޑު ބަޔާންއިން ފުޅާކުރީ ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ފްރެއިބާގް ބަލިކޮށްގެން

ޖަރުމަނު ބުންޑެސްލީގާގައި ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ކުރީގައި ވަރުގަދަ ބަޔާން މިއުނިކަށް ލބިފައިވާ ލީޑު އެ ޓީމުން 20 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ތާވަލުގެ ކުރީގައި ލިބިފައިވާ ލީޑު ބަޔާންއިން ފުޅާކުރީ ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ފްރެއިބާގް ބަލިކޮށްގެންނެވެ. މި މެޗާއި ބަޔާންއިން ކުރިމަތިލީ އެންމެ ފަހުން  ކުޅުނު 15 މެޗު ވެސް ކާމިޔާބުކޮށް އިތުބާރާއެކުއެވެ. މިދިޔަ ހަފްތާގައި 0-0 އިން ހާތާ ބާލިންއާ އެއްވަރުވި މެޗުގައި ކުޅުނު ބަޔާންގެ ހަ ކުޅުންތެރިޔަކަށް މި މެޗުގައި ފުރުސަތު ދީފައިނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފުރުސަތުދީފައިވަނީ ޖޯޝުއާ ކިމިޗް އާއި ޖެރޯމް ބޯޓެންގް އާއި ކޮރެންޓިން ޓޮލީސޯ އާއި އަރުތޫރޯ ވިދާލް އަދި ހުއާން ބަނާޓްގެ އިތުރުން ސެންޑްރޯ ވެގްނާއަށެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބަޔާންއިންނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ލިބިގެންދިޔައީ އެލެކްޒެންޑާ ޝްވޮލޯވް އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. އޭގެ ތިން މިނެޓު ފަހުން ބަޔާންގެ ލީޑު ފުޅާވެގެންދިޔައީ ޓޮލީސޯ ޖަހައިދިން ހިތްގައިމު ލަނޑާއެކުއެވެ. މި ދެ ލަނޑަށް ފަހުވެސް ބަޔާންއަށް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ވަނީ ލިބިގެން ގޮސްފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބަޔާންއިން ވަނީ ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ތޯމަސް މުލާގެ އެހީތެރިކަމާއެކު އެ ޓީމަށް ޖަހައިދިނީ ސެންޑްރޯ ވެގްނާއެވެ. ހަމައެހެންމެ މެޗުގެ 69 ވަނަ މިނެޓުގައި ތޯމަސް މުލާ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ މި މެޗުން ތިން ޕޮއިންޓް އެ ޓީމަށް ކަށަވަރު ކޮށްދީފައެވެ.

ބަޔާންގެ ކޯޗު ޖުޕް ހެއިންކޭސް ބުނެފައިވަނީ ފްރެއިބާގްގެ ދަނޑުގައި އެ ޓީމު ބަލިކުރެވުމަކީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި މެޗުގައި ފެނިގެންދިޔައީ ވަރަށް މަތީ ފަންތިއެއްގެ ފުޓްބޯޅައެއް ކަމަށެވެ. ދެން އޮތް މެޗުގައި އަމިއްލަ ދަނޑުގައި ބަޔާން ނުކުންނާނީ ރެލިގޭޝަން ޒޯނުގައި އޮތް ހެމްބާގްއާ ދެކޮޅަށެވެ.

ބުންޑެސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 25 މެޗުން ލިބުނު 63 ޕޮއިންޓާއެކު އޮތީ ބަޔާންއެވެ. ދެވަނައިގައި 43 ޕޮއިންޓާއެކު ޝާލްކޭ އޮތްއިރު ތިންވަނައިގައި 42 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ބޮރޫޝިއާ ޑޯޓްމަންޑްއެވެ. ހަތަރުވަނައިގައި 42 ޕޮއިންޓާއެކު އޮތީ އެއިންޓްރެކްޓް ފްރެންކްފާޓްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް