ކ. މާލެ
|
5 މާރޗް 2018 | ހޯމަ 17:32
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސިޓީގެ ލީޑު 18 ޕޮއިންޓަށް، އާސެނަލް ބަލިވެ ވެންގާއަށް ނުތަނަވަސްކަން
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 އިން
ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމުން 18 ޕޮއިންޓްގެ ލީޑެއް ނެގިއިރު އާސެނަލް ކުޅުނު މެޗުން އެ ޓީމު ބަލިވެ ކޯޗު އާސެން ވެންގާ ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 އިންނެވެ. މިދިޔަ ހަފްތާގައި އާސެނަލްގެ މައްޗަށް ކުރިހޯދި ސިޓީގެ ޓީމުގެ ހިމެނުނު ދެ ކުޅުންތެރިޔަކަށް މި މެޗުގައި ފުރުސަތު ދީފައިނުވެއެވެ. އެގޮތުން ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ޑެނީލޯގެ ބަދަލުގައި މި މެޗުގައި ފުރުސަތު ދީފައިވަނީ އޮލެކްޒެންޑާ ޒިންޗެންކޯ އަދި އެމެރިކް ލަޕޯޓްއަށެވެ. ހަމައެހެންމެ އަނިޔާގެ ސަބަބުން ޗެލްސީގެ ޓީމުގައި އެންގޯލޯ ކަންޓޭ ހިމަނާފައިނުވާއިރު އަލްވާރޯ މޮރާޓާ ވެސް މެޗު ފަށާފައިވަނީ ބެންޗުންނެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީއިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ފުރަތަމަ ހާފުގައި ލެރޯއި ސާނޭ އާއި ބަނާޑޯ ސިލްވާ އަދި ސާޖިއޯ އަގުއޭރޯގެ އިތުރުން ކެވިން ޑެބްރައިން ފޮނުވާލި ހަމަލާތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއްނުވެއެވެ. މި ހާފުގައި ޗެލްސީގެ ކުޅުންތެރިންނަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ފުރަތަމަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ސިޓީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން ޑޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ބަނާޑޯ ސިލްވާއެވެ. މި ލަނޑަށް ފަހު ވެސް ސިޓީއަށް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދިޔައިރު ޗެލްސީގެ ކީޕަރު ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެން ގޮސްފައިވަނީ 34 މެޗަށް ފަހު އަލަށް ޕްރޮމޯޓްވި ޓީމެއްގެ އަތުން އާސެނަލް ބަލިވި ފުރަތަމަ މެޗަށެވެ. އާސެނަލްގެ ފުރަތަމަ އެގާރަށް ތިން ބަދަލެއް ގެނައިއިރު ކެލަމް ޗެމްބާސްއާ ޖެކް ވިލްޝެއާގެ އިތުރުން އެލެކްސް އިވޯބީއަށް ވަނީ ފުރުސަތުދީފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ބްރައިޓަންއަށް ޖަހައިދިނީ ލުއިސް ޑަންކްއެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާވެގެންދިޔައީ ގްލެން މަރޭ ޖަހައިދިން ލަނޑާއެކުއެވެ. މި ދެ ލަނޑަށް ފަހު އާސެނަލްއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 43 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބަމަޔަންގ އާސެނަލްއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނުމެވެ.

ދެވަނަ ހާފުގައި އާސެނަލްއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރިއިރު އެ ޓީމު އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ބްރައިޓަންގެ ގޯލު މި މެޗުގައި ބެލެހެއްޓި މެތިއު ރަޔަންއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ބްރައިޓަންއިން ލަނޑެއް ޖެހި ނަމަވެސް  ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު ކުޅުނު 29 މެޗުން ލިބުނު 78 ޕޮއިންޓާއެކު އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 60 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. އޭގެ ޕޮއިންޓެއް ފަހަތުން ތިންވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު 58 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް