ކ. މާލެ
|
5 މާރޗް 2018 | ހޯމަ 15:49
އެޓްލެޓިކޯ ކޮޅަށް މެސީ ލަނޑު ޖަހަނީ
އެޓްލެޓިކޯ ކޮޅަށް މެސީ ލަނޑު ޖަހަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: އެޓްލެޓިކޯ ބަލިކޮށް ބާސާއިން އަށްޕޮއިންޓްގެ ލީޑެއް ނަގައިފި
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއަކުން
މި މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ އޭނާގެ ކެރިއަރުގައި 600 ލަނޑު ހަމަކޮށްފަ
ކުޅުނު 27 މެޗުން ލިބުނު 69 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބާސާ

ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާއިން ތާވަލުގެ ކުރީގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ބާސާއިން ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ. އެގޮތުން އަނިޔާއިން އެނބުރި އައިސް ޖޯޑީ އަލްބާ އަދި އިނިއެސްޓާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ހަމައެހެންމެ އެޓްލެޓިކޯއިން ވެސް ވަނީ ވަރުގަދަ ފުރަތަމަ އެގާރައެއް ނެރެފައެވެ. އެންޓޮއިން ގްރީޒްމަން އަދި ޑިއޭގޯ ކޮސްޓާ ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިން ފެނިގެން ގޮސްފައެވެ. އެޓްލެޓިކޯއިން މި މެޗު ކާމިޔާބުކުރިނަމަ އެ ޓީމާއި ބާސާއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ދެ ޕޮއިންޓްއަށް ކުޑަވެގެންދާނެއެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން އެ ޓީމުން ވަނީ އެޓްލެޓިކޯގެ ހާފަށް ބާރުބޮޑުކޮށް އެ ޓީމުގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. ވަކިން ހާއްސަކޮށް މެސީ އަދި ކުޓީނިއޯ ވަނީ އެޓްލެޓިކޯގެ ޑިފެންޑަރުންނަށް އުނދަގޫ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ބާސާއިން ޖެހީ 26 ވަނަ މިނެޓުގައެވެ. ހިތްގައިމު ހިލޭޖެހުމަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ މެސީއެވެ. މިހާފުގައި ބާސާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އަންދަރޭސް އިނިއެސްޓާ ދަނޑުން ބާލަން ޖެހުމެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ސުއަރޭޒް ލަނޑެއް ޖެހި ނަމަވެސް އެ ލަނޑަކީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި ރެފްރީ ވަނީ ނިންމާފައެވެ. ހަމައެހެންމެ 86 ވަނަ މިނެޓުގައި ކެވިން ގަމެއިރޯ ލަނޑެއް ޖެހި ނަމަވެސް އޭގެ ކުރިން ޑިއޭގޯ ކޮސްޓާ ފައުލް ކުރި ކަމަށް ނިންމައި ރެފްރީ ވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ.

މި މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ އޭނާގެ ކެރިއަރުގައި 600 ލަނޑު ހަމަކޮށްފައެވެ. އޭގެތެރެއިން 539 ލަނޑު ބާސާގެ ޖާޒީގައި އޭނާ ކާމިޔާބުކުރިއިރު ބާކީ 61 ލަނޑަކީ އާޖެންޓީނާގެ ގައުމީ ޓީމަށް ޖަހައިދީފައިވާ ލަނޑުތަކެވެ. ހަމައެހެންމެ މިއީ މެސީގެ ކެރިއަރުގައި ޖެހިޖެހިގެން ތިން ސްޕެނިޝް ލީގު މެޗުގައި އޭނާ ހިލޭ ޖެހުމަކުން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު ކުޅުނު 27 މެޗުން ލިބުނު 69 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބާސާއެވެ. ދެވަނައިގައި 61 ޕޮއިންޓާއެކު އެޓްލެޓިކޯ އޮތްއިރު ތިންވަނަގައި 54 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ. ހަތަރުވަނައިގައި 53 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް