ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުނު އެ ގައުމުގެ މިޑްފީލްޑަރު ވެސްލީ ސްނައިޑާ ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ ގައުމީ ޓީމުގެ ކޯޗު ރޮނަލްޑް ކޯމަންއާއެކު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ. ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ރަސްމީ ވެބްސައިޓުގައި ކޯމަން ބުނެފައިވަނީ ސްނެއިޑާއަކީ ފަހުގެ ތާރީހުގައި އެ ގައުމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނެފައިވަނީ އާ ގައުމީ ޓީމެއް ބިނާ ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެކަން އެގޮތަށް ކުރުމަށް އުނދަގޫ ނިންމުންތަކެއް ނިންމަންޖެހޭ ކަމަށެވެ.
ޤަތަރުގެ އަލް ގަރާފާއަށް ކުޅެމުން އަންނަ ސްނެއިޑާ އެ ޓީމަށް ބަދަލުވީ މި ޖެނުއަރީ މަހުއެވެ. އޭނާ ބުނީ އެ ޓީމަށް ބަދަލުވިއިރު ވެސް އެކަމުގެ ސަބަބުން ގައުމީ ޓީމަށް ކުޅެން ފުރުސަތު ހޯދުން އުނދަގޫވާނެ ކަމަށް އެނގޭ ކަމަށާއި ކޯޗު ބޭނުންވަނީ ޒުވާން ކުޅުންތެރިންނާއެކު ކުރިޔަށް ދިޔުމަށް ކަމަށެވެ. އަދި އެކަމަށް ފުރުސަތު ދޭން ބޭނުންވާ ކަމަށާއި މި ނިންމުން ނިންމާފައިވަނީ ކޯޗާއެކު ވަރަށް ރަނގަޅަށް މަޝްވަރާ ކުރުމަށްފަހު ކަމަށް ސްނެއިޑާ ބުނެފައިވެއެވެ.
ސްނެއިޑާ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2003 ވަނަ އަހަރުގެ އެޕްރީލް މަހު ޕޯޗުގަލްއާ ދެކޮޅަށެވެ. އޭނާ ވަނީ ގައުމީ ޓީމަށް 133 މެޗު ކުޅެދީފައެވެ. ސްނެއިޑާގެ ކެރިއަރުގައި 130 މެޗާއެކު އެޑްވިން ވެންޑަސާ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީގެން ހަދާފައިވާ ރެކޯޑު އޭނާ މުގުރާލާފައިވެއެވެ. ހަމައެހެންމެ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕްކަން އެ ގައުމުން ހޯދިއިރު ސްނެއިޑާ މޮޅު ކުޅުމެއް ދެއްކިއެވެ. މިކަމުގެ ސަބަބުން އޭނާއަށް އެ އަހަރު ގެ މުބާރާތުގެ ސިލްވަރ ބޯލް ނުވަތަ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނެވެ.