ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ހައްޔަރުކުރި ސިޔާސީ އެކި ބޭފުޅުންނާއި އެހެނިހެންވެސް ބައެއް ބޭފުޅުން ތިބީ އަދިވެސް ދޫނިދޫގައި ހައްޔަރުކޮށްފައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުގެ ފަރާތުން އާދިއްތަ ދުވަހު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަދިވެސް ބައެއް މީހުން ފުލުހުން ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތުގައި މުޒާހަރާތަކާއި އިހްތިޖާޖުތަކުން ތެރެއިން 11 ވުރެ ގިނަ މީހުން މި ވަގުތުވެސް އަދި ދޫކޮށްނުލާ އެބަ ތިބި، އަދި އޭގެ އިތުރުންވެސް ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކަމަށްބުނެ ނުވަ ބޭފުޅަކާއި އަދި އޭގެ ފަހުން ބައެއް ބޭފުޅުން ހައްޔަރުކޮށް ދޫކޮށްފައިނުވާކަން އަޅުގަނޑުމެނަށް ފާހަގަ ކުރެވޭ،" އިންތި ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރުމަށް ފަހު މީހުން ހައްޔަރުކުރުމުގައި "ހަމައެއް ލަމައެއް ނެތް" ކަމަށާއި ބަންދުކޮށްފައި ތިބޭ މީހުނަށް ލިބެން ޖެހޭ ހައްގުތައް ލިބިނުދޭ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހްމަދު އަދުހަމް ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ކުރަމުންދަނީ ބޭސްފަރުވާގެ ހައްގު ނުލިބިގެން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޖަލުގައި މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ކުރަމުންދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމަކަށްވާއިރު އެކަން ދައުލަތުގެ ކަމާ ގުޅުހުންހުރި ފަރާތްތަކުން ބަލަން ޖެހޭނެ ކަމަށްވެސް އިންތި ވިދާޅުވި އެވެ.
މީގެ އިތުރުން މުޒާހަރާތައް ކަވަރކުރާ ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރަމުންދާތީ އެކަން އިދިކޮޅު އިއްތިހާދުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެގޮތުން ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމަށް ފުލުހުން ދިން އަނިޔާ އާމެދު އިންތި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މުރުޝިދަށް ދިން ހަމަލާއަކީ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް އަރައިގަނެ ހިންގާފައިވާ ޢައިރުގާނޫނީ އަމަލެއް ކަމަށެވެ.
ހަމަ އެހެންމެ މުރުޝިދަށް އަނިޔާކޮށް ފުލުހުންގެބެލުމުގެ ދަަށަށް ގެންދިއުމަށް ފަހު އެކަން އޮޅޭގޮތަށް ފުލުހުން ވާހަކަ ދައްކަމުންދާކަން ވެސް އިންތި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ މިއަދު ކަންކަން އޮޅުވާނުލެވޭނެ ކަމަށާއި މުރުޝިދަށް ދިން ހަމަލާތައް ވެސް ސިއްރު ނުކުރެވޭވަރަށް އެކަން ހުރީ ފެންނަން ކަމަށެވެ. އަދި ނޫސްވެރިކަމަށް ހުރަސްއެޅި މީހުންގެ މައްސަލަ ބެލުމަށް ވެސް ވެސް އޭނާ ގޮވާލެއްވި އެވެ.
މީގެ އިތުރުން އެމްޑީޕީ ހަރުގެއަށާއި ޖުމްހޫރީ ޕާޓީގެ ޖަގަހައަށް ފުލުހުންވަދެ އެތަނުގައި ހުރި އެއްޗިއްސަށް ގެއްލުންދެމުންދާތީ އެކަން ކަމާބެހޭ އިދާރާތަކުން ބެލުމަށްވަނީ ގޮވާލާފަ އެވެ. އެގޮތުން އެމްޑީޕީހަރުގެއަށް ވަދެ އެތަނުގައި ހުރި ސައުންޑްސިސްޓަމްތަކަށް ފުލުހުން ގެއްލުންދިއިރު ކުނޫޒަށް އާންމުބަޔަކު ވަންނަން މަސައްކަތްކޮށްފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.