ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ރާއްޖެޓީވީގައި ދެއްކެވި ވާހަކައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަންޖެހޭ ކަމަށާއި އޭގެފަހުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އޭގެ ފަހުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުތަކުގައި ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ރާއްޖޭޓީވީ ގެނެސްދިން ގާނޫނީ ވަކީލުންގެ ޕެނަލް ޑިސްކަޝަން" އަދަބުން އަދަބޯތް"ގައި ވާހަކަ ދައްކާފައިވާތީ ކަމަށް ބުނެ އަލީ ހުސައިން އާއި ޝަމީމު ސުޕްރީމް ކޯޓަށް ހާޒިރު ކުރީ އާދިއްތަ ދުވަހުގެ 13:30 އަށެވެ.
ގާތްގަނޑަކަށް ހަތަރު ގަޑިއިރު ސުޕްރީމް ކޯޓުގެ ތެރޭގައި ހޭދަކުރެއްވުމަށް ފަހު، ނިކުމެވަޑައިގެން ނޫންވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިން އާއި ޝަމީމު ވެސް ވިދާޅުވީ އެ ދެ ބޭފުޅުންނާ ސުވާލު ކުރެއްވީ ވަކިވަކިން ކަމަށެވެ. އަދި އެ ބޭފުޅުންނާ ބައްދަލު ކުރެއްވީ ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ބޭފުޅެއް ކަމަށެވެ.
އަލީ އާއި ޝަމީމު ވެސް ވިދާޅުވީ ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވި ކަމަށާއި އަދި ރާއްޖެޓީވީގައި ދެއްކެވި ވާހަކަތައް މިހާރުވެސް ހަމަ ތަކުރާރު ކުރައްވާ ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން ހުކުމެއް ނުވަތަ އަމުރެއް ކޮށްފި ނަމަ އެއަށް ތަބާވަން ޖެހޭނެ ކަމަށާއި އެގޮތުން އެކެއް ފެބްރުއަރީގައި ކުރި އަމުރާއި އަދި ފަހެއް ފެބްރުއަރީގައި އަމުރެއް ނެރުނަސް އަދި 15 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް އެ އަމުރަކަށް ނުވަތަ އެހުކުމަކަށް ހުރިހާ އެންމެންވެސް ތަބާވާން ޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ..
އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށް ފަހު، ސުޕްރީމް ކޯޓެއް މިހާރު ނެތް ކަމަށް ވިދާޅުވި ވާހަކައަކީ ގާނޫނުއަސާސީގައި އޮތް އެއްޗަކަށް ނިސްބަތް ކުރައްވައި ވިދާޅުވި ވާހަކައެއް ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މައްޗަށް ކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ އާއި ޝަމީމު ވެސް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައިވާނެ ކަމަށާއި އަދި އެ ތަހުގީގަކީ ޖިނާއީ ތަހުގީގެއް ނޫންކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވާ ކަމަށެވެ.