އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލިވަޕޫލްއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ނިއުކާސަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ އެގާރައިން ދެ ބަދަލެއް ފެނިގެންދިޔައިރު ޖޮއެލް މަޓިޕްއާ ޖޭމްސް މިލްނާގެ ބަދަލުގައި މި މެޗުގައި ކުޅެފައިވަނީ ޑެޖާން ލޮވްރެން އަދި ޖޯޑަން ހެންޑަސަންއެވެ. ހަމައެހެންމެ ނިއުކާސަލްގެ ފުރަތަމަ އެގާރައިން ވެސް ވަނީ ބަދަލުތަކެއް ފެނިގެން ގޮސްފައެވެ.
ފުރަތަމަ ހާފު ފެށިގެން ލިވަޕޫލްއިން ވަނީ ނިއުކާސަލްގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލިވަޕޫލްގެ ފޯވާޑު ލައިނުގައި ކުޅެމުންދިޔަ ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހު އަދި ސަދިއޯ މާނޭގެ އިތުރުން ރޮބާޓޯ ފިރްމީނޯއަށް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތައް ހުއްޓުވުމަށް ނިއުކާސަލްގެ ޑިފެންސުންވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި ސަލާހު ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދީފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެވަނަ ހާފު ފެށިގެން 10 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ރޮބާޓޯ ފިރްމީނޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސަދިއޯ މާނޭއެވެ. މި މެޗުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް ވަނީ މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.
ލިވަޕޫލް ތާވަލުގެ ދެވަނަ މަގާމަށް ޖެހިލިއިރު ޓޮޓެންހަމް ވެސް ވަނީ ހަތަރު ވަނަ މަގާމުގައި އެ ޓީމަށް ލިބިފައިވާ ޕޮއިންޓްގެ ފަރަގު ބޮޑުކޮށްފައެވެ. އަމިއްލަ ދަނޑުގައި ހަޑާސްފީލްޑްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮން ޖަހައިދިންއިރު ދެވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ސޮންއެވެ.
ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ބާންލީ ވަނީ 2-1 އިން އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށްފައެވެ. ލެސްޓާ ސިޓީއާ ބޯންމައުތު ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ސައުތުހެމްޕްޓަންއާ ސްޓޯކް ސިޓީ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ސްވަންސީ ސިޓީއިން ވަނީ 4-1 ގެ ނަތީޖާއަކުން ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށްފައެވެ. ހަމައެހެންމެ ވޮޓްފޯޑް ވަނީ 1-0 އިން ވެސްޓް ބްރޮމް ބަލިކޮށްފައެވެ.
ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 75 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 60 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. ތިންވަނައިގައި 59 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު ހަތަރު ވަނައިގައި 58 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ.