ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 17:15
ފިއޮރެންޓީނާގެ ކެޕްޓަން ޑަވިޑޭ އަސްޓޯރީ
ފިއޮރެންޓީނާގެ ކެޕްޓަން ޑަވިޑޭ އަސްޓޯރީ
ގެޓީ އިމޭޖަސް
ފިއޮރެންޓީނާގެ ކެޕްޓަން
ފިއޮރެންޓީނާގެ ކެޕްޓަން ކުއްލި ގޮތަކަށް މަރުވެއްޖެ
މަރުވިއިރު އުމުރަކީ 31 އަހަރު
އޭނާ ތަމްރީނުވީ އޭސީ މިލާންގެ ޒުވާން ޓީމުން
އިޓަލީގެ ގައުމީ ޓީމަށް 14 މެޗު ކުޅެދީފައިވޭ

އިޓަލީގެ ފިއޮރެންޓީނާގެ ކެޕްޓަން ޑަވިޑޭ އަސްޓޯރީ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އިޓަލީގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އަސްޓޯރީ މަރުވެފައިވަނީ އޭނާގެ ހޮޓެލް ރޫމްގައި ކަމަށް ފިއޮރެންޓީނާއިން ވަނީ ހާމަކޮށްފައެވެ. އޭނާ މަރުވީ ނިދީގައި އޮއްވާ ކަމަށް ވެސް ފިއޮރެންޓީނާއިން ހާމަ ކޮށްފައިވެއެވެ. އުމުރުން 31 އަހަރުގެ އަސްޓޯރީގެ މަރާއި ގުޅިގެން އެ ކްލަބްއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ކުއްލި ހައިރާންކަމަކާއި މާޔޫސްކަމާއެކު އަސްޓޯރީ މަރުވެފައިވާ ކަމަށް ހާމަކުރާ ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އޭނާގެ އާއިލާއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން މީޑިއާތަކުން ވެސް ސަމާލުވުމަށް އެދޭކަމަށް ފިއޮރެންޓީނާގެ ބަޔާނުގައިވެއެވެ.

އަސްޓޯރީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުދިނޭޒީއާ ދެކޮޅަށް ފިއޮރެންޓީނާ ކުޅޭ މެޗުގެ ކުރިން އެ ޓީމު ކޭމްޕްކުރި ހޮޓެލް ކަމަށްވާ "ލަ ޑި މޯރޭ" ގައެވެ. އޭނާގެ މަރާއި ގުޅިގެން މި މެޗު ވެސް އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކެންސަލް ކޮށްފައެވެ.

އޭސީ މިލާންގެ ޒުވާން ޓީމުން ތަމްރީނުވި އަސްޓޯރީ ވަނީ އޭނާގެ 12 އަހަރުވީ ކެރިއަރުގައި އެ ޓީމުގެ އިތުރުން ރޯމާ އާއި ކަގްލިއާރީ އަދި ފިއޮރެންޓީނާއަށް ކުޅެފައެވެ. މޮޅު ޑިފެންޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އަސްޓޯރީ ވަނީ އިޓަލީގެ ގައުމީ ޓީމަށް 14 މެޗު ކުޅެ އެއް ލަނޑު ޖަހައިދީފައެވެ. އޭނާގެ ކުއްލި މަރާއި ގުޅިގެން ފުޓްބޯޅައިގެ ދުނިޔޭގެ ގިނަ ފަރާތްތަކަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް