ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 16:55
ޔުވެންޓަސް މެޗުން މޮޅުވި ލަނޑު ޖެހީ ޑިބާލާ
ޔުވެންޓަސް މެޗުން މޮޅުވި ލަނޑު ޖެހީ ޑިބާލާ
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: ނަޕޯލީ ބަލިވެ ޔުވެންޓަސްއަށް ބޮޑު ފުރުސަތެއް
ރޯމާއާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗުން އެ ޓީމު ބަލިވީ 4-2 ގެ ނަތީޖާއަކުން
ޔުވެންޓަސް ވަނީ ރަށުން ބޭރުގައި 1-0 އިން ލާޒިއޯ ބަލިކޮށްފައި
ޔުވެންޓަސް ދެން ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އެއްވަނަ މަގާމަށް ޖެހިލެވޭނެ

އިޓާލިއަން ސެރީއޭގައި ކުޅުނު މެޗުން ނަޕޯލީ ބަލިވުމާއެކު ތާވަލުގެ ކުރިޔަށް ޖެހިލުމުގެ ފުރުސަތު ޔުވެންޓަސްއަށް ބޮޑުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ނަޕޯލީ ކުޅުނު މެޗުން އެ ޓީމު ބަލިވެފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން ނަޕޯލީ މޮޅުވިނަމަ އެ ޓީމަށް ޔުވެންޓަސްގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތެވެ. ހަމައެހެންމެ މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ރޯމާއިން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ނަޕޯލީއިންނެވެ. މާރިއޯ ރުއީ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ލޮރެންޒޯ އިންސިންޔޭއެވެ. އެހެން ނަމަވެސް އޭގެ މިނެޓެއް ފަހުން ރޯމާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ބެލްޖިއަމްގެ މިޑްފީލްޑަރު ނައިންގޮލަން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސެންގިޒް އަންޑާއެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެޑިން ޒެކޯ ވަނީ ލަނޑެއް ޖަހައިދީ ރޯމާއަށް ލީޑު ނަގައިދީފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ރޯމާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ހާފުގައި ރޯމާއިން އިތުރަށް އެ ޓީމުގެ ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ޒެކޯ އިތުރު ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދިނުމެވެ. އޭގެ ހަ މިނެޓު ފަހުން ރޯމާގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިއޭގޯ ޕެރޯޓީއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ނަޕޯލީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ލޮރެންޒޯ އިންސިންޔޭގެ އެހީތެރިކަމާއެކު ޑްރައިސް މާޓެންސްއެވެ.

ޔުވެންޓަސްއަށް ތާވަލުގެ ކުރިޔަށް ޖެހިލުމަށް ފުރުސަތު ލިބުނީ ރަށުން ބޭރުގައި 1-0 އިން ލާޒިއޯ ބަލިކުރުމާއެކުއެވެ. އެ ޓީމު ދެން އޮތް މެޗު ކާމިޔާބުކޮށްފިނަމަ ތާވަލުގެ އެއްވަނަ މަގާމު ލިބިގެންދާނެއެވެ. ލާޒިއޯއާ ދެކޮޅަށް ނުކުތް ޔުވެންޓަސްގެ ޓީމަށް ހަތް ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ޖިއަންލުއީޖީ ބުފޮން އާއި ޕައުލޯ ޑިބާލާ އަދި މާރިއޯ މަންޒުކިޗް ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ހާފުގައި ދަށް ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ލަނޑު ޖެހުމަށް ދެ ޓީމަށް ވެސް މާ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ކުޅުން ރަނގަޅުކުރިއިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ލިބިގެން ގޮސްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ. ޑެނިއެލް ރުގާނީ ތަނަވަސްކޮށްދިން ފުރުސަތަކުން ޔުވެންޓަސްއަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ޒުވާން ފޯވާޑް ޕައުލޯ ޑިބާލާއެވެ.

އިޓާލިއަން ސެރީއޭގެ އެއްވަނައިގައި ކުޅުނު 27 މެޗުން ލިބުނު 69 ޕޮއިންޓާއެކު ނަޕޯލީ އޮތްއިރު ދެވަނައިގައި އެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން 68 ޕޮއިންޓާއެކު އޮތީ ޔުވެންޓަސްއެވެ. އެހެންކަމުން ޔުވެންޓަސް ދެން ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އެއްވަނަ މަގާމަށް ޖެހިލެވޭނެއެވެ. ތިންވަނައިގައި 53 ޕޮއިންޓާއެކު އޮތީ ރޯމާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް