ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 16:41
މި ދެ ޓީމު ކުޅުނު މެޗުގެ ތެރެއިން
މި ދެ ޓީމު ކުޅުނު މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
އެސްޓީއޯ މާލޭ ލީގު
ގްރީން އަދި ޓީސީ އެއްވަރުވެއްޖެ
މި ދެ ޓީމު ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން

އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ދެ ޓީމު ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗާއި ޓީސީއިން ކުރިމަތިލީ ފުރަތަމަ މެޗުގައި ނިއު އަތުން ބަލިވި މެޗުގެ ހަނދާންތައް ފޮހެލުމުގެ އުއްމީދުގައެވެ. ހަމައެހެންމެ ގްރީންއިން މި މެޗާއި ކުރިމަތިލާފައިވަނީ ލީގުގައި ފުރަތަމަ މޮޅު ހޯދުމުގެ އުއްމީދުގައެވެ. މި މެޗުގައި ޓީސީއާ އަލަށް ގުޅުނު ފޯވާޑް އަހުމަދު އާރިފް (އާރީ) ވަނީ އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ފުރަތަމަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ގްރީންއަށް ލީޑު ލިބިގެންދިޔައީ ޓީސީގެ އަހުމަދު އައިހަމް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ އަހުމަދު ރިލްވާން (ރިލޭ) ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށް ފަހު ޓީސީއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއްނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ގްރީންއިން ފުރަތަމަ ހާފު ނިންމާލިރިއު ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް ޓީސީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުގެ ކްލަރެންސް ވިލިއަމްސްއަށް ގްރީންގެ އޭރިއާތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. މި މެޗުގައި ފުރަތަމަ ފަހަރަށް ޓީސީއަށް ލީޑު ލިބިގެން ދިޔައީ މެޗުގެ 76 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު ހަސަން ޖަހައިދިން ލަނޑުންނެވެ. ޓީސީ މެޗުން މޮޅުވާން ދަނިކޮށް އެ ޓީމުގެ އަތުން ތިން ޕޮއިންޓް ބީވެގެން ދިޔައީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރިލޭ ގްރީންއަށް ޖަހައިދިން ލަނޑާއެކުއެވެ.

މިދިޔަ ސީޒަނުގެ މާލޭ ލީގުގެ ދެވަނަ ހޯދި ގްރީން މިވަގުތު އޮތީ ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ހަމައެހެންމެ ޓީސީ އޮތީ ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ހަތްވަނައިގައެވެ. ލީގުގައި ދެން ކުޅޭ މެޗުގައި ޓީސީ ވިކްޓްރީއާ ދެކޮޅަށް ނުކުންނައިރު ގްރީން ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.

- ކޮމެންޓް