އެސްޓީއޯ މާލޭ ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާއިން އެ ޓީމު ހިފަހައްޓައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު އެއްވަރުވެފައިވަނީ 3-3 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ މެޗު ތަފާތު ބޮޑު ނަތީޖާއަކުން އީގަލްސްއިން ކާމިޔާބުކުރިއިރު އެ ޓީމު މި މެޗަށް ވެސް ނުކުމެފައިވަނީ އިތުބާރާއެކު ތިން ޕޮއިންޓް ހޯދުމަށަވެ. ވެލެންސިއާ މި މެޗަށް ނުކުމެފައިވަނީ ފުރަތަމަ މެޗުގައި ވި ބަލި ހަނދާނުން ފޮހެލުމުގެ އުއްމީދުގައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ބަލާ ހިތްވާޒާތުގެ ކުޅުމެއް ފެނިގެން ގޮސްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެލެންސިއާއިންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޔޫކްރެއިންގެ ފޯވާޑް ސަރްގޭއި ޑްރިގާއެވެ. މި ލަނޑަށްފަހު އީގަލްސްއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައިރު މި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ. އީގަލްސްއިން ނަތީޖާ ހަމަމަކުރީ މެޗުގެ 43 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލުއިޒް އެޑުއާޑޯއެވެ. އެހެން ނަމަވެސް މަހުރޫސް މުޖުތަބާ ވަނީ ފުރަތަމަ ހާފުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ލަނޑެއް ޖަހާ އަލުން އަނބުރާ ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ވެލެންސިއާއިން ފުރަތަމަ ހާފު ނިންމާލިއިރު އީގަލްސްއިން ވަނީ މެޗުގެ 58 ވަނަ މިނެޓުގައި އަލުން އަނބުރާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ އެޑުއާޑޯއެވެ. އެހެން ނަމަވެސް އީގަލްސްއަށް ކުރިން ކުޅުނު އަންސަރު އިބްރާހިމް (އަންކޮ) ވަނީ 67 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އަލުން އަނބުރާ ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ. ވެލެންސިއާއަށް ތިން ޕޮއިންޓް ގެއްލުވާލައި އެޑުއާޑޯ ވަނީ މެޗުގެ 86 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
އެސްޓީއޯ މާލޭ ލީގުގެ ތިންވަނައިގައި ހަ ޕޮއިންޓާއެކު އީގަލްސް އޮތްއިރު އެއް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ވެލެންސިއާ އޮތީ ހަވަނައިގައެވެ. ދެން އޮތް މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އީގަލްސް ނުކުންނައިރު ވެލެންސިއާ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.