ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 21:31
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން
އޭއެފްޕީ
ޒައިނުއްދީން ޒިދާން
އުއްމީދު ގެއްލުވާ ނުލާނަން، ލީގު ކާމިޔާބުކުރެވޭނެ: ޒިދާން
މި ސީޒަނުގެ ލީގުގައި އެ ޓީމު އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ 15 ޕޮއިންޓް ފަހަތުގައި

ސްޕެނިޝް ލަލީގާ ކާމިޔާބުކުރެވޭނެ ކަމަށާއި ތަށި ލިބޭނެ ކަމުގެ އުއްމީދު ގެއްލުވާ ނުލާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ލަލީގާގެ ޗެމްޕިއަންކަން ރެއާލްއިން ހޯދި ނަމަވެސް މި ސީޒަނުގެ ލީގުގައި އެ ޓީމު އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ 15 ޕޮއިންޓް ފަހަތުން ތާވަލުގެ ތިންވަނައިގައެވެ. އެންމެފަހުން ކުޅުނު މެޗުގައި ވެސް ރެއާލް ވަނީ އެސްޕަންޔޯލް އަތުން ބަލިވެފައެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަމުން ޒިދާން ބުނީ ތަށި ދިފާއުކުރުމަށް ކުރަން ޖެހޭ ކަމަކީ މެޗުތައް ކާމިޔާބުކުރުން ކަމަށާއި ސީޒަން ނިމެންދެން އެކަން އެގޮތަށް ދެމެހެއްޓުމަކީ ބުރަ މަސައްކަތެއް ކަމަށެވެ. އޭނާ ބުނީ އެއީ އުނދަގޫ ކަމެއްކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށާއި ކުޅުންތެރިންގެ ފަރާތުން އެކަން ކުރުމަށް ހިތްވަރާއި މަސައްކަތް ފެންނަމުންދާ ކަމަށެވެ. އަދި އަބަދުވެސް ވިސްނަނީ ކުރިޔަށް އޮންނަ މެޗަށް ކަމަށާއި އެގޮތަށް ކުރިޔަށްދާނަމަ ތަށި ވެސް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޒިދާން ބުނެފައިވެއެވެ.

ޒިދާން ބުނީ މި ދައްކަނީ ލީގެއްގެ ވާހަކަ ކަމަށާއި ލީގެއް ނިމުނު ކަމަށް ބަލަންޖެހޭނީ ކުޅެން ޖެހޭ ހުރިހާ މެޗެއް ކުޅެ ނިމުމުން ކަމަށެވެ. އޭނާ ބުނީ ފުޓްބޯޅައިގައި އުއްމީދު ކަނޑާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ލީގުގައި ކުރިޔަށްހުރި ކޮންމެ މެޗަކީ ވެސް ފައިނަލެއްގެ ގޮތުގައި ބަލާނެ މެޗުތަކެއް ކަމަށެވެ. އޭނާ ބުނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ގޯސް ހެދުނު ކަމަށާއި ގޯސް ހެދުނު ނަމަވެސް ރަނގަޅަށް ކުރެވޭ ކަންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

ޒިދާން ބުނީ އޭނާއަކީ އަބަދުވެސް އުއްމީދުކުރާ މީހެއް ކަމަށާއީ ލީގު ނުނިމޭ ކަމުގެ އެންމެ ބޮޑު ހެއްކަކީ އެއްވަނައިގައި އޮތް ޓީމާއި ދެވަނައިގައި އޮތް ޓީމާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ފަސް ޕޮއިންޓްއަށް ކުޑަވުން ކަމަށެވެ. އަދި ކުރިޔަށް އޮތް މެޗުގައި އެ ފަރަގު ދެ ޕޮއިންޓަށް ކުޑަވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ރެއާލްއަށް ވެސް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

މި ސީޒަނުގައި ރެއާލްއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއް ފެންވަރެއްގައި ކުޅުމުގެ ފެންވަރު ނުހިފެހެއްޓުމުގެ މައްސަލައެވެ. އަމިއްލަ ދަނޑުގައި ދެވަނަ ޑިވިޝަނުގެ ޓީމުތައް ރެއާލްއަށް ބަލިކުރެވިފައި ނުވާއިރު ބައިކޮޅަށް ވަންނަ ލަނޑުތައް ވެސް ވަނީ މިދިޔަ ސީޒަނާއި އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ޒިދާން ވަނީ ބަލިވިޔަސް އަބަދުވެސް ދެން އޮތް މެޗު ކާމިޔާބުކުރުމަށް ވިސްނުމަށް އޭނާގެ ކުޅުންތެރިންނަށް ގޮވާލާފައެވެ. އޭނާ ބުނީ އެހެން ޓީމުތަކުގެ ކުޅުމާއި މެދު ނުވިސްނާ އަމިއްލަ ޓީމުގެ ކުޅުން ރަނގަޅު ކުރުމަށް ވިސްނުމަށް ޒިދާން ވަނީ އޭނާގެ ކުޅުންތެރިންގެ ކިބައިން އެދިފައެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ވެސް ރެއާލް ވާދަކުރަމުން އަންނައިރު މި ސީޒަނުގެ މިހާތަނަށް ލަލީގާގައި އެ ޓީމު ކުޅުނު 26 މެޗުން 51 ޕޮއިންޓް ވަނީ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް