ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 18:37
މި މެޗުގައި ނިއުގެ ލަނޑު ޖެހި ދަގަނޑޭ
މި މެޗުގައި ނިއުގެ ލަނޑު ޖެހި ދަގަނޑޭ
އިމޭޖަސް.އެމްވީ
އެސްޓީއޯ މާލޭލީގު
ނިއު އަދި މާޒިޔާގެ ކުރިމަތިލުން ނިއުއަށް
މި މެޗު ނިއު ކާމިޔާބުކުރީ 1-0 އިން

އެސްޓީއޯ މާލޭ ލީގުގައި ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗު ނިއު ރޭޑިއަންޓްއިން ކާމިޔާބު ކޮށްފިއެވެ.

ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ދެ ޓީމުން ވެސް ނުކުތް މި މެޗު ނިއުއިން ކާމިޔާބުކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ވަނީ މާޒިޔާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މާޒިޔާގެ ބިދޭސީ ފޯވާޑް ސްޓެވާޓް ކޯނެލިއަސް އަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާއަށް މެޗުގެ 24 މިނެޓުގައި ލިބުނު ފުރުސަތު ބޭކާރުކޮށްލިއިރު އޭގެ މިނެޓެއް ފަހުން ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އޭނާ ކާމިޔާބުކުރީ މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހުއެވެ. މި ހާފުގެ ފަހު ބައިގައި ވެސް ނިއުއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފު ފެށިގެން މާޒިޔާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނިއުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނިއުގެ ފަރާތުން އާދައިގެ ކުޅުމެއް މި ހާފުގައި ފެނިގެންދިޔައިރު މާޒިޔާގެ ފޯވާޑް ލައިނުގައި ހަރަކާތްތެރިވި ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ހުރަކަށް ވެގެންދިޔައީ ނިއުގެ ގޯލު ބެލެހެއްޓުމުގައި ހަރަކާތްތެރިވި ކީޕަރު ފައިސަލްއެވެ. މެޗުގެ އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ރެފްރީ ވަނީ ނިއުގެ ރިލްވާން ވަހީދު (ރިލޭ) އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މާޒިޔާ ދެން އޮތް މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ނުކުންނާނީ ކްލަބް ވެލެންސިއާ އާއި ދެކޮޅަށެވެ. ކުރިޔަށް ނިއުއަށް އޮތް މެޗަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް