ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 17:13
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
މޮރީނިއޯގެ އަމާޒު ގަދަ ހަތަރަކަށް
މިދިޔަ ސީޒަން އެ ޓީމު ނިންމާލީ ހަވަނައިގައި އޮވެގެން

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގެ އަމާޒަކީ ގަދަ ހަތަރެއްގައި އޮވެގެން ނިންމާލުން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.  

ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ އުއްމީދުގައި މި ސީޒަނާއި ކުރިމަތިލި ޔުނައިޓެޑަށް އެ މުބާރާތް ކާމިޔާބުކުރެވޭ ކަމުގެ އުއްމީދު ވަނީ އެއްކޮށް ގެއްލިފައެވެ. ޖެހިޖެހިގެން ދެ މެޗުން ބަލިވެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ ޔުނައިޓެޑް އޮތީ 16 ޕޮއިންޓް ފަހަތުގައެވެ. ހަމައެހެންމެ އެ ޓީމާއި ތިންވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ވަނީ ދެ ޕޮއިންޓަށް ކުޑަވެފައެވެ. އެހެން ނަމަވެސް މޮރީނިއޯ ބުނީ ހަތަރު ވަނައިގައި އޮވެގެން ސީޒަން ނިންމާލުމާއި ދެވަނައިގައި އޮވެގެން ސީޒަން ނިންމާލުމާ މިހާރު މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

ހޯމަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ފަސް ވަނައިގައި އޮތް ޓީމާއި ޔުނައިޓެޑާ ދެމެދު ޕޮއިންޓްގެ މާ ބޮޑު ފަރަގެއް ނެތް ކަމަށެވެ. މިއީ ޕްރިމިއަ ލީގުގެ ވާދަވެރިކަން ދައްކުވައިދޭ ކަމެއްކަން ފާހަގަ ކުރަމުން މޮރީނިއޯ ބުނީ އެ ހުރިހާ ޓީމެއް ވެސް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނަ ކަމަށެވެ. ޗެމްޕިއަންސް ލީގުގައި ކުރިޔަށް ދިޔުމަކީ ވެސް އަމާޒެއް ކަމަށާއި މިކަމުގެ ސަބަބުން ޕްރިމިއާ ލީގުގައި ރަނގަޅު ވަނަޔަކަށް ދިޔުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

އޭނާ ބުނީ ހުރިހާ ޓީމުތަކަކީ ވެސް ވަރަށް މޮޅު ޓީމުތަކެއް ކަމަށާއި އޭނާ ދެކޭ ގޮތުން ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ބައެއް ޓީމުތަކަކީ ޔުނައިޓެޑަށް ވުރެވެސް މޮޅު ޓީމުތަކެއް ކަމަށެވެ. އަދި ފަސް ޓީމަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ނުލިބޭނެ ކަމަށާއި ސީޒަން ނިމިގެންދާއިރު ކޮންމެ ގޮތެއް ވިޔަސް އެއް ޓީމު ބާކީ ވެގެންދާނެ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ. އެހެންކަމުން މިހާރު އަމާޒު ހިފާފައިވަނީ އެ ޓީމަކީ ޔުނައިޓެޑަށް ނުހެދުމަށް ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯ ބުނީ ފައިސާގެ ގޮތުން އެއްވެސް މައްސަލައެއް ހަތަރުވަނަ ނުލިބުނަސް ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް ޔުނައިޓެޑަކީ ބޮޑު ޓީމަކަށް ވުމާއެކު އެ މަގާމަކީ އެންމެ ފަހުރުވެރިވެވޭނެ މަގާމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގަށް ކޮލިފައިވި ނަމަވެސް ހަތަރު ވަނަ ލިބެއްޖެނަމަ އިތުރު މެޗެއް ކުޅެން ޖެހޭ ކަމަށާއި އެއީ ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށެވެ. އޭނާ ބުނީ އަމިއްލަ މަގާމަށް ވިސްނާއިރު ހަތަރު ވަނައަށް ވުރެ ދެވަނައިގައި އޮވެގެން ލީގު ނިންމާލުން ވެގެންދާނީ ލިބޭ ކާމިޔާބަކަށް ކަމަށެވެ. އެހެން ނަމަވެސް އެއީ ކުރަން ވަރަށް އުނދަގޫ ކަމަކަށް ވުމާއެކު އަމާޒު ބަދަލުކުރީ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

ލުއިސް ވެންހާލްގެ ފަހުން ޔުނައިޓެޑާ ހަވާލުވެ މޮރީނިއޯ އަންނަނީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުންނެވެ. މި ސީޒަނުގެ މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން އެ ޓީމު ޖާގަ ހޯދާފައިވާއިރު ޕްރިމިއާ ލީގުގައި ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާއެކު އެ ޓީމު އޮތީ ޕްރިމިއާ ލީގުގެ ދެވަނައިގައެވެ. މިދިޔަ ސީޒަން އެ ޓީމު ނިންމާލީ ހަވަނައިގައި އޮވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް