ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 14:55
އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން މެސީ އުފާފާޅުކުރަނީ
އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން މެސީ އުފާފާޅުކުރަނީ
އޭއެފްޕީ
ލިއޮނެލް މެސީ
މެސީ ހުރުމާ އެކު އާޖެންޓީނާއަށް ފުރުސަތު ބޮޑު: ގަލާޑޯ
އާޖެންޓީނާ ވަނީ ބައިނަލްއަގްވާމީ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ތިން އަހަރު ބަލިވެފައި

މިއަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް އާޖެންޓީނާގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދޭނީ ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ ކަމަށް ރިވަރ ޕްލޭޓްގެ ކޯޗު މާސެލޯ ގަލާޑޯ ބުނެފިއެވެ.

އާޖެންޓީނާގެ ގައުމީ ޓީމު 1998 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރިއިރު އެ ޓީމުތަކުގައި ހިމެނުނު ގަލާޑޯ ހުނީ އެ ގައުމަކީ އަބަދުވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރާ ޓީމެއް ކަމަށެވެ. އޭނާ ބުނީ މިވަގުތު އާޖެންޓީނާއަށް ވުރެ މޮޅު ޓީމުތަކުގެ ގޮތުގައި ތިބީ އެންމެ ތިން ޓީމު ކަމަށެވެ. އެއީ ބްރެޒިލް އާއި ޖަރުމަނުގެ އިތުރުން ސްޕެއިން ކަމަށް އޭނާ ހާމަކުރިއެވެ.

އޭނާ ބުނީ އާޖެންޓީނާގެ ޓީމުގައި މެސީ ހުރުމާ އެކު އެ ގައުމަށް ވޯލްޑް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑުވެގެންދާ ކަމަށެވެ. އެހެން ނަމަވެސް ކުރިން ބުނި ތިން ގައުމު ވެސް އެ މުބާރާތުގެ ތަށްޓަށް ވާދަކުރާނެ ކަމަށް ގަލާޑޯ ހާމަކުރިއެވެ. މި ތިން ޓީމާއި އާޖެންޓީނާގެ ހުރި އެންމެ ބޮޑު ތަފާތަކީ މެސީ އެ ގައުމުގެ ފުރަތަމަ އެގާރާގައި މެސީ ކުޅުން ކަމަށާއި އޭނާއަކީ ކޮންމެ ވަގުތެއްގައި ވެސް މެޗުގެ ނަތީޖާ ނެރެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ.

ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައި ކޮށްދިނުމުގައި ވެސް މެސީ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އެގޮތުން އެ ޓީމު ކޮލިފައިންގައި ކުޅުނު އެންމެ މުހިންމު އަދި އެންމެ ފަހު މެޗުގައި އޭނާ ހެޓްރިކެއް ހެދިއެވެ. ބާސެލޯނާއާއެކު ގިނަ ކާމިޔާބުތަކެއް މެސީ ހޯދި ނަމަވެސް ގައުމީ ޓީމާއެކު އޭނާއަށް އެ ކާމިޔާބުތައް ނުހޯދޭތީ ގިނަ ބަޔަކު މެސީއަށް ފާޑުކިޔައެވެ. މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން ފައިނަލްއަކުން ބަލިވެފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމު ހިމެނިފައި ވަނީ މިއަހަރުގެ މުބާރާތުގައި ގްރޫޕް ޑީގައެވެ. އެ ޓީމުގެ އިތުރުން މި ގްރޫޕްގައި ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާގެ އިތުރުން ނައިޖީރިއާއެވެ. ދެކުނު އެފްރިކާގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަނު އަތުން ބަލިވި އާޖެންޓީނާއިން ވަނީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ.

ދެހާސް ފަސްވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މެސީ ވަނީ އެ ޓީމަށް 123 މެޗު ކުޅެދީ 61 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށްވާއިރު ގައުމީ ޓީމާއެކު އޭނާއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވި އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ހޯދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް