ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 14:46
ދުނިޔޭގެ ދެވަނައިގައި ރޭންކް ކުރެވިފައިވާ ރަފައޭލް ނަދާލް
ދުނިޔޭގެ ދެވަނައިގައި ރޭންކް ކުރެވިފައިވާ ރަފައޭލް ނަދާލް
އޭޓީޕީ
ރަފައޭލް ނަދާލް
އަނިޔާގެ ސަބަބުން ނަދާލްއަށް ދެ މުބާރާތެއް ގެއްލިއްޖެ
ނަދާލްގެ އުނަގަނޑަށް އަނިޔާވީ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްގައި

އަނިޔާގެ ސަބަބުން ކުރިޔަށް އޮތް އޭޓީޕީ މާސްޓާސް ޓެނިސް ދެ މުބާރާތުގައި ވާދަނުކުރުމަށް ސްޕެއިންގެ ރަފައޭލް ނަދާލް ނިންމައިފިއެވެ.

ނަދާލްގެ އުނަގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާ ވާދަނުކުރަން ނިންމާފައި ވަނީ އިންޑިއަން ވެލްސް މާސްޓާސް އަދި މިއާމީ މާސްޓާސްގައެވެ. އުމުރުން 31 އަހަރުގެ ނަދާލް ވަނީ މިހަފްތާގައި ފެށި މެކްސިކަން އޯޕަންއިން ވެސް ހަމަ މި އަނިޔާގެ ސަބަބުން ވަކިވެފައެވެ. ނަދާލްގެ އުނަގަނޑަށް އަނިޔާވީ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާގެ މަރިން ސިލިޗްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމު ވެސް ގެއްލިފައެވެ. މިހާރު އެއްވަނައިގައި އުޅެނީ ވާދަވެރި ރޮޖާ ފެޑެރާއެވެ.

ނަދާލް ބުނީ މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ މެކްސިކަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ކުރިން އޭނާއަށް އޮސްޓްރޭލިއަން އޯޕަންގައި ލިބުނު އަނިޔާ ބޮޑުވެފައިވާކަން ޑޮކްޓަރުން އެންގި ކަމަށެވެ. އެގޮތުން އަނިޔާއިން ސަލާމަތްވުމަށް މި ދެ މުބާރާތުގައި ނުކުޅެން ނިންމާފައިވާ ކަމަށެވެ. މިއީ ނަދާލް މުބާރާތެއްގައި ވާދަނުކޮށް އެ މުބާރާތަކުން ޖެހިޖެހިގެން ވަކިވި އަށްވަނަ މުބާރާތެވެ.

ނަދާލް ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަލުން ހޯދަން ބޭނުންވާ ނަމަ އޭނާ މެކްސިކަން އޯޕަން ކާމިޔާބުކުރަން ޖެހޭނެއެވެ. ހަމައެހެންމެ އިންޑިއަން ވެލްސް ނުވަތަ މިއާމީ އޯޕަންގައި ވެސް ކުއާޓާއަށް އެންމެ މަދުވެގެން އޭނާ ދަތުރުކުރަންޖެހެއެވެ. އެހެން ނަމަވެސް މި މުބާރާތްތަކުގައި ވާދަނުކުރަން ނަދާލް ނިންމާފައިވުމާ އެކު އޭނާއަށް ރޭންކިންގައި ކުރިޔަށް ޖެހިލުމުގެ ފުރުސަތު އެއްކޮށް ވަނީ ގެއްލިފައެވެ.

ނަދާލްގެ އިތުރުން ތިން ފަހަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސްޓަން ވަވަރިންކާ ވެސް ކަކުލަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން މި ދެ މުބާރާތުގައި ވާދަނުކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް