ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 07:43
މާލޭ ލީގުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ފޯވާޑް ސެމުއެލް (ވ) ހަމަލާއެއް އުފައްދަނީ
މާލޭ ލީގުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ފޯވާޑް ސެމުއެލް (ވ) ހަމަލާއެއް އުފައްދަނީ
އިމޭޖަސް.އެމްވީ
އެސްޓީއޯ މާލޭ ލީގު
ފަހަތުން އަރާ ވިކްޓްރީ ބަލިކޮށް، ޔުނައިޓެޑް ވިކްޓްރީ އިން ހަ ޕޮއިންޓް ހަމަކޮށްފި
މިމެޗު ޔުނައިޓެޑް ވިކްޓްރީ ކާމިޔާބުކުރީ 2-1 އިން
ލީގުގައި ޔުނައިޓެޑް ވިކްޓްރީ ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައި

އެސްޓީއޯ މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައި، ލީގުގެ ފުރަތަމަ ދެ މެޗުން ޔުނައިޓެޑް ވިކްޓްރީ ހަ ޕޮއިންޓް ހަމަކޮށްފިއެވެ.

މާލޭ ލީގުގައި ހުކުރު ދުވަހު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު ޔުނައިޓެޑް ވިކްޓްރީ ކާމިޔާބު ކުރީ 2-1 އިންނެވެ.

މެޗުގެ ކުރީކޮޅު ޔުނައިޓެޑް ވިކްޓްރީ އަށް ލީޑު ނަގަން ރަނގަޅު ދެ ފުރުޞަތެއް ލިބުނު ނަމަވެސް، މެޗުގައި ފުރަތަމަ ލީގު ނެގީ ވިކްޓްރީ ސްޕޯޓްސް ކްލަބުންނެވެ.

ފުރަތަމަ ހާފްގެ ފަހު މިނިޓުގެ ތެރޭގައި ވިކްޓްރީގެ އަލީ ނާފިއު ދިން ބޯޅައަކުން އެޓީމަށް ކުރި ހޯދައިދިނީ ބިދޭސީ ފޯވާޑް ސިމޯން ޓިބޯރްއެވެ.

މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، މިމެޗު ޔުނައިޓެޑް ވިކްޓްރީ ކާމިޔާބުކުރީ ފަހު ހާފްގައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ 69 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑް ވިކްޓްރީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕައުލޯ ހެލްބަރ ރޯސާ ރިބެއިރޯއެވެ. މި ޕެނަލްޓީއަކީ ވިކްޓްރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔުނައިޓެޑް ވިކްޓްރީގެ ސެމުއެލް އަށް ވިކްޓްރީގެ ސައްދާމް ހުސެއިން ކުރި ފައުލަކާއި ގުޅިގެން ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނު ޕެނަލްޓީއެކެވެ.

އޭގެ 9 މިނިޓު ފަހުން ޔުނައިޓެޑް ވިކްޓްރީގެ ސެމުއެލް ނަގައިދިން ހުރަހަކުން އެޓީމަށް ކުރި ހޯދައިދިނީ އަލީ ހައިޝަމްއެވެ.

މިމޮޅާއެކު ލީގުގައި ޔުނައިޓެޑް ވިކްޓްރީ ކުޅުނު ދެ މެޗުން ހަޕޮއިންޓް ލިބިފައިވާއިރު، ދެމެޗުން ވެސް ބަލިވެފައިވާ ވިކްޓްރީ އަށް ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ދެން ކުޅެން ޖެހޭ މެޗުގައި ނުކުންނާނީ ގްރީން ސްޓްރީޓާއި ދެކޮޅަށެވެ. އަދި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުރިއަށް އޮތީ ޓީސީ ސްޕޯޓްސް ކްލަބާއި ބައްދަލުކުރާ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް