ކ. މާލެ
|
2 މާރޗް 2018 | ހުކުރު 11:18
ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ، ލަސް ޕަލްމާސްގެ ކުޅުންތެރިޔެއްގެ ކައިރިން ނައްޓާލަނީ
ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ، ލަސް ޕަލްމާސްގެ ކުޅުންތެރިޔެއްގެ ކައިރިން ނައްޓާލަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލީގު: ލަސް ޕަލްމާސް އިން ބާސެލޯނާ ހިފަހައްޓައިފި
ލަސް ޕަލްމާސްގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 1-1 އިން އެއްވަރުވެގެން
ބާސެލޯނާއާ އެތުލެޓިކޯއާ ދެމެދުވާ ފަރަގު ވަނީ 5 ޕޮއިންޓަށް ހަނިވެފައި
ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ ނުކުންނާނީ އެތުލެޓިކޯ އާ ދެކޮޅަށް

ސްޕެނިޝް ލީގުގެ ރެލިގޭޝަން ޒޯނުގައިވާ ލަސް ޕަލްމާސް އިން، ލީގު ތާވަލްގެ ކުރީގައިވާ ބާސެލޯނާ ހިފަހައްޓައިފިއެވެ.

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ބާސެލޯނާ އާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ލަސް ޕަލްމާސްގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބާސެލޯނާ އިންނެވެ. މެޗުގެ 21 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ބާސެލޯނާ އަށް ކުރި ހޯދައިދިނީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީއެވެ.

ދެވަނަ ހާފްގެ ތިންވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ލަސް ޕަލްމާސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވެސްޓްހޭމް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޖޮނަތަން ކަލޭރީއެވެ. އެހެންނަމަވެސް މި ޕެނަލްޓީގެ މައްސަލައިގައި މެޗުގެ ރެފްރީ އަށް ފާޑު ކިޔުންތަކެއް އަމާޒުވިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވާޑޭ ބުނީ، ލަސް ޕަލްމާސް އަށް ޕެނަލްޓީ ދިން ގޮތާ މެދު ހައިރާނެވި ކަމަށާއި، ލަސް ޕަލްމާސް އިން ނަތީޖާ ހަމަހަމަކުރީ 'ނުފެންނަ' ޕެނަލްޓީއަކުން ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި ޕެނަލްޓީ އިން ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ލަސް ޕަލްމާސްގެ ކުޅުން ވަރުގަދަ ކުރިއިރު، ބާސެލޯނާ އިން މެޗުގެ ފަހު ބައިގައި އަވަސް އަރުވާލެވުނީ ކަމަށް އޭނާ ބުންޏެވެ.

މިނަތީޖާއާ އެކު ބާސެލޯނާ އިން ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑް 33 ވަނަ މެޗަކަށް ދެމިގެންދިޔަ ނަމަވެސް، ލަސް ޕަލްމާސް އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުމާއެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެމެދުވާ ފަރަގު ވަނީ ފަސް ޕޮއިންޓަށް ހަނިވެފައެވެ.

އެހެންނަމަވެސް، އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ބާސެލޯނާ އަށް ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު އެބައޮތެވެ. މިމެޗުން އެތުލެތިކޯ މެޑްރިޑް މޮޅުވެއްޖެ ނަމަ، ދެޓީމުގެ ދެމެދުވާ ފަރަގު ދެ ޕޮއިންޓަށް ހަނިވާނެއެވެ. މިމެޗަށް ދެ ޓީމް ނުކުންނައިރު، އެތުލެޓިކޯ އޮތީ އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅުވެ، ރަނގަޅު ފޯމެއްގައެވެ.

ސްޕެނިޝް ލީގުގައި ކޮންމެ ޓީމެއް ވެސް 26 މެޗު ކުޅެފައިވާއިރު، ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތާވަލްގެ އެއްވަނާގައިވާ ބާސެލޯނާ އަށް ލިބިފައި ވަނީ 66 ޕޮއިންޓެވެ. ދެވަނާގައިވާ އެތުލެޓިކޯ މެޑްރިޑަށް 61 ޕޮއިންޓް ލިބިފައިވައިރު، ތިންވަނާގައިވާ ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 51 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް