ކ. މާލެ
|
2 މާރޗް 2018 | ހުކުރު 07:33
އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއަރ ލީގު
ފަސޭހަކަމާއެކު އާސެނަލް ބަލިކޮށް، ސިޓީ އިން ލީޑު ފުޅާކޮށްފި
މިމެޗު ސިޓީ ކާމިޔާބު ކުރީ 3-0ން
ސިޓީގެ ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފްގައި
ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ 10 މެޗު އޮތްއިރު، ލީގު ތާވަލްގެ ކުރީގައި ސިޓީ އަށް 16 ޕޮއިންޓުގެ ލީޑެއް އެބައޮތް

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ބަލިކޮށް، މެންޗެސްޓަރ ސިޓީ އިން ލީގު ތާވަލްގެ ކުރީގައި ލީޑު ފުޅާކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި އާސެނަލްގެ މައްޗަށް ސިޓީ ކުރިހޯދީ 3-0 ންނެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗުގެ 15 ވަނަ މިނިޓުގައި ސިޓީ އަށް ކުރި ހޯދައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރ ބާނާޑޯ ސިލްވާ އެވެ.

ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކު 28 ވަނަ މިނިޓުގައި ސިޓީ އަށް ލީޑު ފުޅާ ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރ ޑޭވިޑް ސިލްވާ އެވެ.

ސިޓީގެ ތިންވަނަ ލަނޑު 33 ވަނަ މިނިޓުގައި ޖަހައިދިނީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރ ލެރޯއީ ސަނޭ އެވެ.

މިމެޗުގެ 53 ވަނަ މިނިޓުގައި ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން އާސެނަލްގެ ހެންރިކް މިޚްތަރިޔާން އަށް، ސިޓީގެ ޑިފެންޑަރ ނިކޮލާ އޮޓަމެންޑީ ކުރި ފައުލަކާއި ގުޅިގެން އާސެނަލް އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ސުން ކަނޑުވާލަން ރަނުގެ ފުރުޞަތެއް ލިބުނެވެ. އެހެންނަމަވެސް އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމަޔަންގ ފޮނުވާލި ޕެނަލްޓީ، ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރާއެސް ވަނީ ދިފާއުކޮށްފައެވެ.

މި ދެޓީމް އިނގިރޭސި ފުޓްބޯލް ލީގް ކަޕްގެ ފައިނަލްގައި މިދިޔަ އާދީއްތަ ދުވަހު ބައްދަލުކުރި މެޗުވެސް ނިމިފައިވަނީ ހަމަ މިނަތީޖާ އިންނެވެ.

މިމޮޅާއެކު އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ކުރީގައިވާ މެންޗެސްޓަރ ސިޓީ އިން ވަނީ، ދެވަނާގައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 16 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. ލީގުގައި ކޮންމެ ޓީމެއްވެސް 28 މެޗު ކުޅެފައިވާއިރު ސިޓީ އަށް ވަނީ 75 ޕޮއިންޓް ލިބިފައެވެ. ދެވަނާގައިވާ މެންޗެސްޓަރ ޔުނައިޓެޑަށް 59 ޕޮއިންޓް ލިބިފައިވާއިރު، 57 ޕޮއިންޓާއެކު ލީގު ތާވަލްގެ ތިންވަނާގައި ވަނީ ލިވަޕޫލް އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ފަހެއްގައި ދެން ހިމެނެނީ ޓޮޓެންހަމް ހޮޓްސްޕަރ އަދި ޗެލްސީ އެވެ. ޓޮޓެންހަމް އަށް 55 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އަށް ލިބިފައިވަނީ 53 ޕޮއިންޓެވެ.

ބުރާސްފަތި ދުވަހުގެރޭ ސިޓީ އަތުން ބަލިވި އާސެނަލް އޮތީ 45 ޕޮއިންޓާއެކު ތާވަލްގެ ހަވަނާގައެވެ. މި ދެޓީމުގެ ދެމެދުގައި 30 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

- ކޮމެންޓް