ސްޕެނިޝް ލަލީގާގައި ލެގާނޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ކާމިޔާބު ކުރި ހަތަރު ލަނޑާއެކު އެޓްލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓްލެޓިކޯ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެޓްލެޓިކޯއިން ވަނީ ވަރުގަދަ ފުރަތަމަ އެގާރައެއް ނެރެފައެވެ. އެގޮތުން ގްރީޒްމަންގެ އިތުރުން ޑިއޭގޯ ކޮސްޓާ އާއި ސައުލް ނިގުއޭޒް އަދި ކޯކޭގެ އިތުރުން އެންހެލް ކޮރޭއާ ވަނީ މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މި މެޗާ ލެގާނޭސްއިން ކުރިމަތިލިއިރު އެ ޓީމު އެންމެފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ހަމައެހެންމެ އޭގެތެރެއިން ހަ މެޗުގައި އެ ޓީމަށް އެންމެ ލަނޑެއް ވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މި މެޗު ފެށިގެން ލެގޭނޭސްއަށް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ހަމައެހެންމެ ގްރީޒްމަން ފޮނުވާލި ހިލޭ ޖެހުމެއް ލެގާނޭސްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ. އެޓްލެޓިކޯގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ގްރީޒްމަންއެވެ. އޭގެ ނުވަ މިނެޓު ފަހުން އޭނާ ވަނީ މި މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑު ޖަހައި އެޓްލެޓިކޯގެ ލީޑު ފުޅާކޮށްދީފައެވެ. މި ހާފުގައި އެޓްލެޓިކޯއިން ވަނީ ޖިރޯނާގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ އެޓްލެޓިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ގްރީޒްމަން ވަނީ ލަނޑެއް ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ހަމައެހެންމެ މެޗުގެ 67 ވަނަ މިނެޓުގައި ގްރީޒްމަން ވަނީ އިތުރު ލަނޑެއް ޖަހާ އެޓްލެޓިކޯއަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ. މި ލަނޑަށް ފަހު ވެސް އެ ޓީމަށް ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު މި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ.
މި މެޗުގައި ޖެހި ހަތަރު ލަނޑާއެކު ގްރީޒްމަން ވެގެން ގޮސްފައިވަނީ ލަލީގާގެ ތާރީހުގައި ވެސް އެއް މެޗެއްގައި ހަތަރު ލަނޑު ޖެހި ފްރާންސަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ 21 ވަނަ ގަރުނުގައި ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކް ހެދި އެޓްލެޓިކޯއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔަކީ ވެސް ގްރީޒްމަންއެވެ. ހަމައެހެންމެ އޭނާ ވަނީ އެޓްލެޓިކޯއަށް މިހާތަނަށް 101 ލަނޑު ޖަހައިދީފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓްލެޓިކޯ އޮތީ ކުޅުނު 26 މެޗުން ލިބުނު 61 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ލަލީގާގައި އެޓްލެޓިކޯ ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ މި މެޗުގެ ހަތަރު ވަނަ ދުވަހު ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއާއެވެ.