ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 18:37
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)
އަހްމަދު ސާއިފް ޝިޔާދް
އެސްޓީއޯ މާލޭ ލީގު
ނިއުއަކީ މޮޅު ޓީމެއް، ނިއުގެ މައްޗަށް އަތްގަދަ ކުރެވޭނެ: އިންމަ
ނިއުއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ މާދަމާ ރޭ 20:00 ގަ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ މޮޅު ޓީމެއް ކަމަށާއި އެހެން ނަމަވެސް އެ ޓީމުގެ މައްޗަށް ވެސް އަތްގަދަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފިއެވެ.

މި ދެ ޓީމު އެސްޓީއޯ މާލޭ ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންމަ ބުނީ ފުރަތަމަ މެޗުގައި ޕޮއިންޓް ގެއްލިގެންދިޔައީ ފަހު ވަގުތު ކޮންސަންޓްރޭޝަން ގެއްލުމުގެ ސަބަބުން ކަމަށާއި ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ. އިންމަ ބުނީ ދަނޑަށް އަރާނީ ނިއުއަކީ މޮޅު ޓީމެއްކަން އެނގިގެން ކަމަށާއި އެ ޓީމު ހިފެހެއްޓުމުގެ ގާބިލުކަން އޭނާގެ ޓީމުގައި ވެސް އެބަހުރި ކަމަށެވެ. ހަމައެހެންމެ ކުޅުންތެރިން ތިބީ ރަނގަޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބުކުރުމުގެ އުއްމީދުގައި ކަމަށެވެ.

އޭނާ ބުނީ ދަނޑުމަތީގައި މުހިންމުވަނީ ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުން ކަމަށާއި އޭނާގެ ކުޅުންތެރިން ދަނޑުމަތީގައި ސަތޭކަ އިންސައްތަ ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. 

މިދިޔަ ސީޒަނުގެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި މި ސީޒަނާއި ކުރިމަތިލި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުވެފައެވެ.  ނިއުއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ މާދަމާ ރޭ 20:00 ގައެވެ.

- ކޮމެންޓް