ކ. މާލެ
|
28 ފެބްރުއަރީ 2018 | ބުދަ 06:48
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެސްޕަނިޔޯލްގެ ޖެރާޑް މޮރީނޯ ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖަހަނީ
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެސްޕަނިޔޯލްގެ ޖެރާޑް މޮރީނޯ ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖަހަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ފަހު ވަގުތު ޖެހި ލަނޑާއެކު ރެއާލް އަތުން އެސްޕަނިޔޯލް ތާރީޚީ މޮޅެއް ހޯދައިފި
ރެއާލްގެ މައްޗަށް އަމިއްލަ ދަނޑުގައި އެސްޕަނިޔޯލް ކުރިހޯދީ 1-0 ން
މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެސްޕަނިޔޯލް އިން ޖެހީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި
މިއީ 10 އަހަރުގެ ތެރޭ ރެއާލް އަތުން އެސްޕަނިޔޯލް މޮޅުވި ފުރަތަމަ މެޗު

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ބަލިކޮށް، އެސްޕަނިޔޯލް އިން ތާރީޚީ މޮޅެއް ހޯދައިފި އެވެ.

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑްގެ މައްޗަށް އެސްޕަނިޔޯލް ކުރިހޯދީ 1-0 ންނެވެ. މިއީ 10 އަހަރުގެ ތެރޭގައި އެސްޕަނިޔޯލް އިން ރެއާލް ބަލިކުރި ފުރަތަމަ ފަހަރެވެ.

ރެއާލް މެޑްރިޑުން އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅުވެ، ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް މިމެޗަށް ރެއާލް ނިކުތީ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ.

މެޗުގެ ކުރީކޮޅު ރެއާލް އިން އެސްޕަނިޔޯލްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލި ނަމަވެސް، އެސްޕަނިޔޯލްގެ ގޯލްކީޕަރު ވަނީ މޮޅު ކުޅުމެއް ދަކާ އެބޯޅަތައް ދިފާއުކޮށްފައެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި އެސްޕަނިޔޯލްގެ ޖެރާޑް މޮރީނޯ އެޓީމަށް ލަނޑެއް ޖަހައިދިނެވެ. އެހެންނަމަވެސް ރެފްރީ ނިންމާފައިވަނީ އެލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން މިމެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމެން ގާތްވުމާއެކު، ރެއާލް އިން ލަނޑެއް ޖެހުމަށް ހުރިހާ ކުޅުންތެރިން ކުރިއަށް ޖެހުނެވެ.

ރެއާލްގެ ކުޅުންތެރިން ކުރިއަށް ޖެހުމުގެ ފައިދާ ނަގައި މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެސްޕަނިޔޯލް އިން ރެއާލްގެ ގޯލަށް ނުރައްކާ ކުރިއެވެ.

މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި އެސްޕަނިޔޯލް އަށް ޖަހައިދިނީ ޖެރާޑް މޮރީނޯ އެވެ. އެސްޕަނިޔޯލްގެ ސާޖިރޯ ގާސިއާ ނަގައިދިން ހުރަސް، ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި މޮރީނޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

އެސްޕއަނިޔޯލް އެންމެ ފަހުން ރެއާލް މެޑްރިޑާއި ވާދަކުރި 22 މެޗުވެސް ނިމިފައިވަނީ އެސްޕަނިޔޯލް އަށް މޮޅެއް ނުލިބިއެވެ. އޭގެ ތެރެއިން 22 މެޗު އެއްވަރު ވެގެން ނިމުނުއިރު، އެންމެ ފަހުން ރެއާލް އަތުން އެސްޕަނިޔޯލް އަށް ޕޮއިންޓެއް ލިބިފައިވަނީ 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިމޮޅާއެކު އެސްޕަނިޔޯލް އިން 31 ޕޮއިންޓާއެކު ސްޕެނިޝް ލީގު ތާވަލްގެ 13 ވަނަ އަށް ޖެހިލިއިރު، 51 ޕޮއިންޓް ލިބިގެން ރެއާލް އޮތީ ލީގު ތާވަލްގެ ތިންވަނާގައެވެ. ރެއާލް އަށްވުރެ އެއް މެޗު މަދުން ކުޅެގެން 49 ޕޮއިންޓާއެކު ލީގު ތާވަލްގެ ހަތަރުވަނާގައިވާ ވެލެންސިއާ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ އާ ބަދަލު ކުރާ މެޗު ކާމިޔާބުކޮށްގެން ތާވަލްގެ ތިންވަނަ އަށް އެރުމުގެ ފުރުޞަތު އެބައޮތެވެ.

ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތާވަލްގެ އެއްވަނާގައިވާ ބާސެލޯނާ އަށް ވަނީ 65 ޕޮއިންޓް ލިބިފައެވެ. ތާވަލްގެ ދެވަނާގައިވާ އެތުލެޓިކޯ މެޑްރިޑަށް 58 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި ބުދަ ދުވަހުގެ ރެއާއި ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުތައް ކާމިޔާބުކޮށްގެން މިދެޓީމަށްވެސް ރެއާލްގެ މައްޗަށް ލީޑު ފުޅާ ކުރުމުގެ ފުރުޞަތު އެބައޮތެވެ.

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ސެލްޓަ ވީގޯގެ މައްޗަށް އަމިއްލަ ދަނޑުގައި ޖިރޯނާ ކުރިހޯދީ 1-0 ންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް