މިނިސްޓަރ އައިޝަތު ޝިހާމާއި ޒެނީޝާ ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ސެޝަންގައި ބައިވެރިވެޑައިގަތުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމާއި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ފުރާވަޑައިގަންނާވާފައިވާ އިރު އެދެ ބޭފުޅުން ހައި ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ކޮންމެ އަހަރަކުވެސް ތިން ސެޝަން ކުރިއަށްދާ އިރު، ފެބްރުއަރީ މަހާއި މާރިޗު މަހުގައި ކުރިއަށްދާނީ އެންމެ މަތީ ފަންތީގެ ބައްދަލުވުންތަކެވެ.
މިއަހަރުގެ ސެޝަންގައި ރާއްޖެއާއި ސީދާ ގޮތުން ގުޅޭ ރިޕޯޓެއް ހުށަހަޅާފައެއް ނުވެއެވެ.
އދގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެޑައިގަތުމަށް ރާއްޖޭގެ ދެ މިނިސްޓަރުން ފުރާވަޑާއިގަންފައިވާ އިރު އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ހައި ކޮމިޝަނަރަކީ ޕްރިންސް ޒައިދު ބިން ރައާދް އަލް ހުސައިންއެވެ. ޒައިދު ވަނީ ފާޅުގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ފާޑުވިދާޅުވެފައެވެ.
މި ސެޝަންގައި ބައިވެރިވުމަށް ރާއްޖޭގެ ވަފުދެއް ޖެނީވާއަށް ގޮސްފައިވާއިރު ދިވެހިރާއްޖެއަކީ ޔޫއެންއެޗްއާރްސީގެ މެންބަރު ގައުމެއް ނޫނެވެ. މިދިޔަ އަހަރު މެމްބަރު ކަމަށް ވާދަކުރުމަށް ނަން ދިނުމަށްފަހު ރާއްޖެއިން ފަހުން ވަނީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުސިލްގައި ވާދަ ނުކުރުމަށް ނިންމާފައެވެ. ނަމަވެސް އޭގެ ކުރިން ދެ ދައުރެއްގައި ރާއްޖެއިން ވަނީ އެ ކައުންސިލްގެ މެންބަރުކަން ކޮށްފައެވެ.
ރާއްޖެއިން މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އދގެ ސަލާމަތީ މަޖިލީހުގެ ވަގުތީ މެންބަރުކަމުގެ ގޮނޑި ހޯދުމަށެވެ.