ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 07:05
ޖިރޯނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ފޯވާޑް ލުއިސް ސުއަރޭޒް އާއި ފިލީޕޭ ކޫޓީނިއޯ އުފާ ފާޅު ކުރަނީ
ޖިރޯނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ފޯވާޑް ލުއިސް ސުއަރޭޒް އާއި ފިލީޕޭ ކޫޓީނިއޯ އުފާ ފާޅު ކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސުއަރޭޒްގެ ހެޓްރިކާއެކު ޖިރޯނާ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާކޮށްފި
މިމެޗު ބާސެލޯނާ ކާމިޔާބުކުރީ 6-1 ން
މެޗުގެ ތިންވަނަ މިނިޓުގައި ލަނޑު ޖަހާ ކުރި ހޯދީ ޖިރޯނާ އިން
މިމެޗުގައި މޮޅަށް ކުޅެ ބާސެލޯނާ އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ

އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ހެޓްރިކާއެކު ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޖިރޯނާ ބަލިކޮށް، ބާސެލޯނާ އިން ތާވަލްގެ ކުރީގައި ލީޑު ފުޅާކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ބާސެލޯނާގެ ދަނޑު ކޭމްޕް ނޫގައި ކުޅުނު މިމެޗު ބާސެލޯނާ ކާމިޔާބު ކުރީ 6-1 ންނެވެ.

ކެޓަލޯނިއާއަށް ނިސްބަތްވާ މިދެޓީމުގެ ކުރިމަތިލުމުގައި ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް މިމެޗުގެ ކުރީކޮޅު ލަނޑެއް ޖަހާ ކުރި ހޯދީ ޖިރޯނާ އިންނެވެ.

މެޗު ފެށިގެން ތިންވަނަ މިނިޓުގައި ބާސެލޯނާގެ ޑިފެންޑަރު ސެމުއެލް އުމްޓިޓީއަށް އަތު ނުވި ބޯޅައެއްގައި ފައިދާ ނަގައި ޖިރޯނާގެ ޕޯޗުގުއޭޒް މަންޒަނޭރާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ އަރިމަތީ ދެ ދަނޑީގައި ޖެހިފައެވެ.

އެހެންނަމަވެސް މިލަނޑަށް ދެމިނިޓުވެސް ނުވަނީސް ބާސެލޯނާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ނަގައިދިން ހުރަހަކުން ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.

މިމެޗުގައި ބާސެލޯނާ އިން ޖިރޯނާގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދީ، 30 ވަނަ މިނިޓުގައި މެސީ ޖަހައިދިން ލަނޑުންނެވެ. ސުއަރޭޒް ދިން ބޯޅައަކުން މެސީ މިލަނޑު ޖަހާފައިވަނީ ޖިރޯނާގެ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ތިބި ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހުއެވެ.

އޭގެ ހަ މިނިޓު ފަހުން ބާސެލޯނާއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް ލީޑު ފުޅާ ކޮށްދިނީވެސް މެސީއެވެ.

ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައިވަނިކޮށް ބާސެލޯނާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ސުއަރޭޒްއެވެ. މިލަނޑަކީ ފިލީޕޭ ކޫޓީނިއޯ ދިން ބޯޅައަކުން ސުއަރޭޒް ކާމިޔާބު ކުރިލަނޑެކެވެ.

މެޗުގެ 66 ވަނަ މިނިޓުގައި ބާސެލޯނާގެ ފަސްވަނަ ލަނޑު ޖަހައިދިނީ ކޫޓީނިއޯއެވެ. ސުއަރޭޒް ދިން ބޯޅަ ކޫޓީނިއޯ ލަނޑަކަށް ބަދަލުކުރީ ޖިރޯނާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްގެންނެވެ.

އަދި 76 ވަނަ މިނިޓުގައި ބާސެލޯނާގެ ފަހު ލަނޑު ޖަހައިދީ ސުއަރޭޒްގެ ހެޓްރިކް ފުރިހަމަ ކުރިއިރު، މިލަނޑަކީ ބާސެލޯނާގެ ޑިފެންޑަރު އުސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުން ސުއަރޭޒް ޖެހި ލަނޑެކެވެ.

މިމޮޅާއެކު ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގުގައި ބަލިނުވެ 32 މެޗު ހަމަކޮށްގެން ކްލަބުގެ ރެކޯޑެއް ހަދާފައެވެ. ސްޕެނިޝް ލީގުގައި މިސީޒަނުގައި ބަލިނުވެ ބާސެލޯނާ އިން ދަމަހައްޓަމުން އަންނަ ރެކޯޑާއެކު، ސީޒަން ނިންމާލެވިއްޖެނަމަ އެކްލަބު ވެގެންދާނީ 1930 ގެ އަހަރުތަކަށްފަހު ބަލިނުވެ ސީޒަން ނިންމާލާ ފުރަތަމަ ކްލަބަށެވެ. އޭރު ސީޒަނެއްގައި 18 މެޗު ކުޅޭއިރު، މިހާރު ލަލީގާގެ ސީޒަނެއްގައި ކޮންމެ ޓީމެއް 38 މެޗު ކުޅެންޖެހެއެވެ. މިސީޒަނުގައި ބާސެލޯނާ އަށް ބާކީ މިހާރު އޮތީ 13 މެޗެވެ.

މިމެޗަކީ މިސީޒަނުގައި ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ޖިރޯނާ އިން ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

މިމޮޅާއެކު ތާވަލްގެ ކުރީގައިވާ ބާސެލޯނާ އިން ވަނީ ދެވަނައިގައިވާ އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 10 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ލީގުގައި 25 މެޗު ކުޅެގެން ބާސެލޯނާ އަށް 65 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށްވުރެ އެއް މެޗު މަދުން ކުޅެފައިވާ އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. ލީގުގައި އާދީއްތަ ދުވަހުގެރޭ ސެވިއްޔާގެ މައްޗަށް ކުރި ހޯދައިގެން ބާސެލޯނާ އާ ދެމެދުވާ ފަރަގު 7 ޕޮއިންޓަށް ހަނި ކުރުމުގެ ފުރުޞަތު އެތުލެޓިކޯ އަށް އެބައޮތެވެ. 51 ޕޮއިންޓާއެކު ލީގުގެ ތިންވަނާގައި ވަނީ ހޮނިހިރު ދުވަހުގެރޭ އަލާވޭސް އަތުން މޮޅުވި ރެއާލް މެޑްރިޑެވެ.

- ކޮމެންޓް