ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު ރެއާލް މެޑްރިޑުން އަލާވޭސްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އަލާވޭސްގެ މައްޗަށް ރެއާލް ކުރި ހޯދީ 4-0 އިންނެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައިވަނިކޮށް ފްރާންސްގެ ފޯވާޑް ކަރިމް ބެންޒޭމާ ދިން ބޯޅައަކުން ރެއާލްއަށް ކުރި ހޯދައިދިނީ ރޮނާލްޑޯއެވެ.
ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނިޓުގެ ތެރޭގައި ރެއާލް އަށް ލީޑު ފުޅާކޮށްދިނީ ވޭލްސްގެ ވިންގަރ ގެރެތު ބޭލްއެވެ. މި ލަނޑަކީވެސް ބެންޒޭމާ ދިން ބޯޅަ އަކުން ބޭލް ޖަހައިދިން ލަނޑެކެވެ. ދެވަނަ ހާފްގެ 28 ވަނަ ސިކުންތުގައި ބޭލްގެ މިލަނޑަކީ 2004 ވަނަ އަހަރުގެ ފަހުން ރެއާލްއިން ދެވަނަ ހާފްގައި ޖެހި އެންމެ އަވަސް ލަނޑެވެ.
ރެއާލްގެ ތިންވަނަ ލަނޑު، 61 ވަނަ މިނިޓުގައި ލޫކަސް ވަސްކޭޒް ދިން ބޯޅަ އަކުން ޖަހައިދިނީ ރޮނާލްޑޯއެވެ.
މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ބޭލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން، ރެއާލްގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ބެންޒޭމާއެވެ. މިއީ ސްޕެނިޝް ލީގުގައި މިސީޒަނުގައި ބެންޒޭމާ ޖެހި ހަތަރުވަނަ ލަނޑެވެ.
މިމެޗުގައި ދެލަނޑު ޖަހާފައިވާ ރޮނާލްޑޯއަށް މި ޕެނަލްޓީ ޖަހައިގެން މެޗުގައި ހެޓްރިކް ފުރިހަމަ ކުރެވެން އޮވެމެ، ބެންޒޭމާއަށް ޕެނަލްޓީ ޖެހުމުގެ ފުރުޞަތު ދިނުމާއި ގުޅިގެން، މެޗަށްފަހު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ރޮނާލްޑޯގެ އެ އަމަލަށް ތައުރީފް ކޮށްފައެވެ.
މެޗަށްފަހު ރެއާލްގެ ލޫކަސް ވަސްކޭޒް އަދި ގޯލްކީޕަރު ކޭލާ ނަވާސްވެސް، ދަނޑުމަތީގައި ރޮނާލްޑޯ ދެއްކި ނަމޫނާއަށް ތައުރީފް ކުރިއެވެ.
މިމެޗުގައި ޖެހި ދެލަނޑާއެކު، ރެއާލްއަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު ވަނީ 8 އަށް އަރާފައެވެ. އަދި ރޮނާލްޑޯގެ ކެރިއަރުގައި ސްޕެނިޝް ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 299 އަށް އަރާފައެވެ.
މިމޮޅާއެކު ރެއާލް އިން ވަނީ ސްޕެނިޝް ލީގު ތާވަލްގެ ދެވަނައިގައިވާ އެތުލެޓިކޯ މެޑްރިޑާއި ދެމެދުވާ ފަރަގު ހަތަރު ޕޮއިންޓަށް ހަނިކޮށްފައެވެ. ތާވަލްގެ ތިންވަނާގައިވާ ރެއާލް އަށް 51 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް އަށްވުރެ އެއް މެޗު މަދުން ކުޅެގެން ދެވަނައިގައިވާ އެތުލެޓިކޯ މެޑްރިޑަށް ވަނީ 55 ޕޮއިންޓް ލިބިފައެވެ.
ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ސެވިއްޔާ އާ ބައްދަލު ކުރާ މެޗު ކާމިޔާބު ކޮށްގެން ރެއާލް އާ ދެމެދުވާ ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު އެތުލެޓިކޯ އަށް އެބައޮތެވެ.
ސްޕެނިޝްލީގުގައި ޑިޕޯޓިވޯ ލަ ކޮރޫނާ އާ އެސްޕަނިޔޯލް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި އެއިބާގެ މައްޗަށް ސެލްޓަ ވީގޯ ކުރިހޯދީ 2-0 ންނެވެ.