ކ. މާލެ
|
21 ފެބްރުއަރީ 2018 | ބުދަ 14:56
މި މެޗުގައި ބާސާ އަށް ލަނޑު ޖަހައިދިނީ މެސީ
މި މެޗުގައި ބާސާ އަށް ލަނޑު ޖަހައިދިނީ މެސީ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޗެލްސީ އާއި ބާސާ އެއްވަރުވެއްޖެ
ޗެލްސީ އަދި ބާސާ އެއްވަރުވެފައި ވަނީ 1-1 އިން
ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އިނގިރޭސިވިލާތުގެ ޗެލްސީ އާއި ސްޕެއިންގެ ބާސެލޯނާ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލަންޑަނުގައި ހުންނަ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުޅުނު ޗެލްސީގެ ޓީމުގެ ފުރަތަމަ އެގާރަ އިން ހަތް ބަދަލެއް ފެނިގެންދިޔައިރު އަލްވާރޯ މޮރާޓާއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ޗެލްސީގެ ފޯވާޑް ލައިނުގެ އެންމެ ކުރި ބެލެހެއްޓީ ބެލްޖިއަމްގެ އެޑެން ހަޒާޑްއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއަށް ކުޅެފައިވުމާ އެކު ފިލިޕޭ ކުޓީނިއޯއަށް ނުކުޅެވުނުއިރު ބާސާގެ ފުރަތަމަ އެގާރައިން އެއްވެސް ބަދަލެއް ފެނިފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ހަޒާޑް އަދި އެންޓޯނިއޯ ރޫޑިގާއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ބާސާގެ ޕައުލީނިއޯ ވެސް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. މި ހާފުގެ މެދު ތެރެއިން ބާސާ އިން މެޗުގެ ކޮންޓްރޯލް ނެގި ނަމަވެސް ޗެލްސީގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭނެ ގޮތެއް އެ ޓީމަކަށް ހޯދިފައެއް ނުވެއެވެ. މި ހާފުގެ 33 ވަނަ މިނެޓާއި 41 ވަނަ މިނެޓުގައި ޗެލްސީގެ ވިލިއަން ބާސާގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ދެ ހަމަލާއެއް ވަނީ އެ ޓީމުގެ ގޯލު ދަނޑިއަށް އަމާޒުވެފައެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީއިންނެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވިލިއަންއެވެ. މި ލަނޑަށް ފަހު ބާސާއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 75 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އަންދްރޭސް އިނިއެސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިއޮނެލް މެސީ ބާސާއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނުމެވެ.

މި މެޗުގައި ޖެހު ލަނޑު ވެގެން ގޮސްފައި ވަނީ ޗެލްސީއާ ދެކޮޅަށް މެސީ ކާމިޔާބުކުރި ފުރަތަމަ ލަނޑަށެވެ. ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޓީމުތަކާ ދެކޮޅަށް އޭނާ 18 ލަނޑު ކާމިޔާބުކޮށްފައިވާއިރު އެ އަދަދަށް ވުރެ ގިނައިން އެހެން އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއް ނުވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ 15 ވަނަ ދުވަހު ބާސާގެ ދަނޑު ކޭމްޕް ނޫގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް