ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ، ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން، ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތަކަށް ދިއުމާ ގުޅިގެން ކަމަށް ބުނެއެވެ. އެހެން އެހެން ނަމަވެސް ބޭރުގެ ފަރާތްތަކަށާއި ފަތުރުވެރިންނަށް ވިސްނައިދެމުން ދަނީ ރާއްޖޭގައި އެފަދަ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ރާއްޖެ ވަރަށް އަމާން އޮމާން ކަމަށް ދެއްކުމަށެވެ. ނަމަވެސް އެ މަސައްކަތުން ކުޑަ ވެސް ހިތްހަމަޖެހުމެއް ޓުއަރިޒަމް އިންޑަސްޓްރީ އަށް ލިބިގެން ގޮސްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރެފައިވާ އަމުރުގައި ވަނީ ގިނަ ކަންކަމަށް އަލި އަޅުވާލާފައެވެ. އެގޮތުން ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލޭ ޝަކުވާތައް ބެލުމުގެ އިހްތިސާސް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންވީ ނަމަވެސް، އެކޮމިޝަނުގެ ބާރުތަކާއި އިހްތިސާސްތައް ކަނޑައެޅި ހުދޫދުކުރެވިފައިވާ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ހ) އިން އެ ކޮމިޝަނުގެ ބާރު ހިނގާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންގެ މައްޗަށްކަން ސާފުކޮށް އެނގެން އޮންނާތީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިހްތިސާސެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުއްދަ ލިއުމުން ލިބިގެން މެނުވީ ރާއްޖޭގެ އެއްވެސް ކޯޓަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް އައްޔަން ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކުން ނުކުރުމަށާއި މަޖިލީހުގެ ބާރަ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ސިޔާސީ އެކި ސަބަބުތަކަށްޓަކާއި ހައްޔަރުކޮށް ހުކުމް ތަންފީޒު ކުރަމުންދާ 09 މީހެއް ދޫކޮށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އެހެން ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސަރުކާރުން ސުޕްރީމް ކޯތުގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ރޭގަނޑު ދަންވަރު ހައްޔަރު ކުރި އެވެ.
ވެރިކަން ވައްޓާލުމުގައި ބައިވެރިކަމަށް ބުނެ ގިނަ ތުހުމަތު ތަކެއް މި ފަނޑިޔާރުންނަށް ކުރާ އިރު ފެބްރުއަރީ 6 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު އަމުރުގެ ފަސް ވަނަ ނަންބަރާއި ދެ ވަނަ ނަންބަރު ބާތިލް ކަމަށް ކަނޑައަޅައިފަ އެވެ. އެހެން ކަމުން ސިޔާސީ ނުވަ ފަރާތެއް ދޫކޮށްލުމަށް ކޮށްފައިވާ އަމުރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް އެޖެންޑާ ކޮށް ބެލުމުގެ އިހްތިސާސް ނެތް ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ އޮތުން ވެސް ވަނީ ބާތިލް ކޮށްފަ އެވެ.
އޭގެ ފަހުން ޖޭއެސްއީން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ކަން މިހެން އޮތް އިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ސަރުކާރަށް ގާނޫނު ނެގެހެއްޓުމަށް ކުރިމަތިވި ފިއްތުންތަކަށް މިވަނީ ލުޔެއް ލިބިފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ހުރި ކަމަށް ސަރުކާރުން ގަބޫލު ކުރި، އަދި ފާހަގަ ކުރި ހުރިހާ ކަމެއް މިވަނީ ހައްލު ކުރެވިފަ އެވެ.
އޭރު ސަރުކާރުން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިހުތިސާސް ހިނގާނޭކަމުގައި ސަރީހަ އިބާރާތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ އަމުރުގައި ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބެލުމުގެ ބާރު ލިބިދީފައިނުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ އެކޮމިޝަންގެ މަސައްކަތައް ހުރަސް އެޅޭ ކަމެއް ކަމަށް ބުނި ނަމަވެސް މިހާރު އެ ނަންބަރު ވަނީ ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ 09 މީހުންގެ މިނިވަން ކުރުމުގެ މައްސަލަވެސް އެ ކޯޓުން ބާތިލް ކުރުމުން ސަރުކާރުން ފާހަގަ ކުރި ހުރިހާ ކަމަކަށް ވަނީ ހައްލު ލިބިފަ އެވެ.
އެހެން ނަމަވެސް އަދިވެސް މިފެނިގެންދަނީ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ކުރި މަންޒަރެވެ.
އެހެން ނަމަވެސް ސަރުކާރަށް މިހާރު ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބު ނުވަތަ ހާލަތަކީ ކޮބައި ކަމާމެދު ސުވާލު އުފެދެ އެވެ.
ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް މިހާރު ގެއްލުންވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ވެސް ސަރުކާރަކަށް ކިޔައެއް ނުދެވުނެވެ.