ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 11:56
ސަދިއޯ މާނޭ ވަނީ މި މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައި
ސަދިއޯ މާނޭ ވަނީ މި މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައި
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: މާނޭގެ ހެޓްރިކާ އެކު ލިވަޕޫލް ކުއާޓާ ފައިނަލާ ގާތަށް
ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ލިވަޕޫލްއިން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 25 ލަނޑު ޖަހާފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސަދިއޯ މާނޭ ހެދި ހެޓްރިކާ އެކު ލިވަޕޫލްއިން ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޓޯގެ އިތުބާރު ފޯވާޑް ވިންސެންޓް އަބޫބަކުރު އަނިޔާގެ ސަބަބުން ކުޅެފައި ނުވާއިރު އެ ޓީމުގެ ކޯޗު ވަނީ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްފައެވެ. ހަމައެހެންމެ ލިވަޕޫލްގެ ފުރަތަމަ އެގާރަ އިން ޖޮއެލް މަޓިޕްއާ އެލެކްސް އޮކްސްލޭޑް ޗެމްބަލިން އަދި އެމްރޭ ޗާންގެ ބަދަލުގައި ފުރުސަތު ދީފައި ވަނީ ޑެޖާން ލޮވްރެން އަދި ޖޭމްސް މިލްނާގެ އިތުރުން ކެޕްޓަން ޖޯޑަން ހެންޑަސަންއަށެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޖޯޖީނިއޯ ވައިނާލްޑަމް ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްއަށް ޖަހައިދިނީ މާނޭއެވެ. އޭގެ ހަތަރު މިނެޓު ފަހުން މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހައިދީ ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި ލަނޑު ވެގެން ގޮސްފައި ވަނީ މި ސީޒަނުގެ މިހާތަނަށް ސަލާހު ލިވަޕޫލްގެ ޖާޒީގައި ކާމިޔާބުކުރި 30 ވަނަ ލަނޑަށެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލް އިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ފިރްމީނޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ މާނޭއެވެ. ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖަހައިދިނީ ފިރްމީނޯއެވެ. ލިވަޕޫލްގެ ފަސްވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދީ މާނޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި ޖެހި ފަސް ލަނޑާ އެކު ލިވަޕޫލް އިން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 25 ލަނޑު ޖަހާފައެވެ. އެ ޓީމަށް ވުރެ ގިނައިން އެހެން އެއްވެސް ޓީމަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް