އަންނަ ހުކުރު ދުވަހަކީ އިދިކޮޅު ފަރާތްތަކުން "އެއްވުމެއް" ބާއްވަން ނިންމާފައިވާ ދުވަހަކެވެ. ފުލުހުނާއި ސިފައިން ތިބީ އެއްވުން ކުރިއަށް ގެންދަން ފުރުސަތު ދޭ ގޮތަކަށް ނޫނެވެ. މަޝްވަރާ ކުރުމެއް ނެތި އިންޒާރު ވެސް ވަނީ ދީފައެވެ. ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަކާ ގުޅިގެނެވެ. އެހެންނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.
މިއީ ބޮޑު އެއްވުމެއްތަ؟ އަތޮޅުތެރެއިން މީހުން މާލެ އާދޭތަ؟
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު އެއްވުން ބާއްވާނެކަން އިއުލާން ކުރީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުއެވެ. ހުކުރު ދުވަހުގެ އެއްވުމަށް ވީހާ ވެސް ގިނަ މީހުން ބައިވެރިވުމަށް އަމީތު ގޮވާލިއެވެ. އެހެންނަމަވެސް ފުލުހުންނާއި ސިފައިން އެ ބުނާ ފަދަ ބޮޑު އެއްވުމަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތައްޔާރުވާތަނެން ވެސް ނުފެއެވެ. އެއްވުމަކީ ބޮޑު އެއްވުމެއް ކަމަށާއި އަންނަ ހުކުރު ދުވަހުގެ އެއްވުމުގައި ސަލާމަތީ ބާރުތަކާއި ކުރިމަތިލާން ބަޔަކު މީހުން ރާވަމުން އަންނަ ކަމަށް ބުނީ ފުލުހުނާއި ސިފައިންނެވެ. އެދި އެކަން ރާވާ މީހުންނަން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ވެސް ވަނީ ދީފައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާން އަހުމަދު މަހުލޫފް ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ބޮޑު އެއްވުމެއް ނޫން ކަމަށާއި ފުލުހުންނާއި ސިފައިންނަން ލިބިފާ އިންޓެލިޖެންސް މައުލޫމާތު ރަނގަޅު ނޫން ކަމަށެވެ.
"16 ވަނަ ދުވަހު އޮންނަނީ ބޮޑު އެއްވުމެން ނޫން، އެމްއެންޑީއެފްގެ އިންޓެލްއަށް އޮޅުވާލައިގެން ނޫން މިކަން ކުރަނީ، ބޮޑު އެއްވުމުން އޮންނަ ދުވަސް އަޅުގަނޑުމެން އިއުލާންކުރާނަން" މަހުލޫފް ވިދާޅުވިއެވެ.
އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް އަނަސް އަބްދުﷲ ސައްތާރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ "ބޮޑު" އެއްވުން ނޫން ކަމަށާއި، އަންނަ ހުކުރު ދުވަހު އެހެން ދުވަސްތަކެކޭ އެއްގޮތަށް ހަރަކާތްތައް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް އޮތް ދުވަސްތަކުގައި "ބޮޑު އެއްވުމެއް" ބާއްވާން ނިންމާފައި ކަމަށާއި، ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އަންނަ ހުކުރު ދުވަހު ބާއްވަނީ ބޮޑު އެއްވުމެއް ނޫން ކަމަށް ބުނަމުން އަންނަ އިރު، ފުލުހުންނާއި ސިފައިން އެ އެއްވުން ސިފަ ކުރާނީ ރައްޖޭގެ ހަމަޖެހުން ނަގާލަން ބާއްވާ އެއްވުމެއްގެ ގޮތުގައެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކުގެ ފާރަތުން ފުލުހުންނަން އެއްވުމާ ގުޅޭ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ. ސުވާލަކީ އަންނަ ހުކުރު ދުވަހު ސަލާމަތީ ބާރުތަކުން އިންޒާރަކާއި ނުލައި ހުއްޓުވަން ޖެހޭ ފަދަ އެއްވުމެއް ބާއްވަން އެބަ ތައްޔާރުވޭތޯއެވެ.
ސަލާމަތީ ބާރުތަކަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތު
އިދިކޮޅު ފަރާތުން އެއްވުން ބާއްވާނެކަން އިއުލާންކުރިތާ 15 މިނެޓް ވެސް ނުވަނީސް ސަލާމަތީ ބާރުތަކުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި އެއްވުން ކުރިއަށް ގެންދަން ފުރުޝަތު ނުދޭނެކަން އިއުލާން ކުރިއެވެ. ހުކުރު ދުވަހުގެ އެއްވުމަކީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމަށާއި އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން މާލެ ނޭރުމަށް ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ރަށްރަށުން މީހުން މާލެ އައުމަށް ގޮވާލައި، ހަމަނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. ގައުމުގެ ސުލްހަމަސަލަސްކަން ނަގާލަން މިހާރު ވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާކަމުގެ މައުލޫމާތު ފުލުހުންނަން ލިބިފައިވާކަން ފާހަގަ ކުރައްވަމުން ޝިފާން ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ގެއަކާއި ދެ ތަނެންގައި އަލިފާން ރޯކޮށްލި މައްސަލަ މިހާރު ވެސް ފުލުހުން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
"ފެބްރުއަރީ 16 ވާ ހުކުރު ދުވަހު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ ހަމަނުޖެހުން ހިންގާ، ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާއްވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަން ވަނީ ލިބިފައި" ޝިފާން ވިދާޅުވިއެވެ.
ފުލުހުންގެ އިންޒާރަށް ގިނަ ބައެއްގެ ފާނޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އައްޑޫ ސިޓީގެ ގެއަކާއި ދެ ތަނެންގައި އަލިފާން ރޯކޮށްލުމާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމާއި އޮތީ ކޮން ގުޅުމެއްތޯ ދަނީ ސުވާލުކުރަމުންނެވެ. އެއްވުން ރާވާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އެފަދަ ކަމެއް ކުރާތަނެން ނުފެނެވެ. މީގެ ކުރިން މުޒާހަރާތަށް ބާއްވަން އިއުލާން ކުރުމާ އެކު ފުލުހުން އެމްޑީޕީ ހަރުގެ ބަލާ ފާސްކޮށް، މުޒާހަރާ ރާވަން އިސްކޮށް ހަރަކާތެރިވާ މެމްބަރުންގެ ފޯނު ވެސް ތަހްގީގަށް ހިފަހައްޓައެވެ. އެހެންމަވެސް މިފަދަ އެއްވެސް މަންޒަރެއް ހުކުރު ދުވަހު ބާއްވާ އެއްވުމާ ގުޅިގެން ފެނިފައެއް ނުވެއެވެ.
ހުކުރު ދުވަހު ބޮޑު އެއްވުމެއް ނުބާއްވާ ކަމަށް ބުނި ނަމަވެސް ފުލުހުންގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ވެސް ގެންދަނީ އެ ދުވަހު ބާއްވަނީ ބޮޑު އެއްވުމެއް ކަމަށް ސިފަކުރަމުންނެވެ. އަދި އެ ދުވަހުގެ ހަރަކާތުގައި ބައިވެރިވުމަށް ރަށްރަށުން މާލެ އަންނަ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވެފައި ވެއެވެ.
ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންނަން ލިބިދޭ ގާނޫނީ ހައްގުތަށް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއިދުކުރުމަށް ނުވަތަ އިންކާރުކުރުމަށް ގާނޫނާ ހިލާފްނުވެ ހިންގާ ސުލްހަވެރި ހަރަކާތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވުންކަމުގައި ނުބެލެވެއެވެ. ގާނޫނު އަސާސީގައި ގައުމީ ސަލާމަތަށް ނުރައްކާވުން މާނަކޮށްފައިވާ ގޮތުން ކުއްލި ނުރައްކަމުގެ ހާލަތުގައި ވެސް ސުލްހަވެރި ހަރަކާތަކަށް ފުރުޝަތު ދޭންޖެހެވެ. އެހެންނަމަވެސް ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ އެއްވުމާ ގުޅިގެން ފުލުހުން ބުނީ ގާނޫނީ އަސާސީގައި އެގޮތަށް ބަޔާންކޮށްފައި ވީނަމަވެސް އެއްވުން ކުރިއަށް ގެންދަން ފުރުޝަތު ނުދޭނެ ކަމަށެވެ.
ސުވާލަކީ އިދިކޮޅުން އެއްވުމެއް ބާއްވަން އިއުލާންކުރުމާ އެކު ސަލާމަތީ ބާރުތަކުން އެއްވުން ކުރިއަށް ގެންދަން ފުރުޝަތު ނުދޭނެ ކަމަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވާ އިއުލާން ކުރީ ކީއްވެގެންތޯއެވެ؟ އިދިކޮޅު ފަރާތަކުން އެއްވުމެއް ބާއްވާ ނަމަ ސަރުކާރުން އެކަމާ ބިރުގަންނަނީ ތޯއެވެ؟ އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ބޮޑު އެއްވުމެއް ނޫން ކަމަށް އިދިކޮޅު ފާރާތަކުން ބުނާ އިރު ވެސް، ސަލާމަތީ ބާރުތަކުން މި އެއްވުމަކީ ސަލާމަތީ ބާރުތަކާ ކުރިމަތިލާން ބާއްވާ އެއްވުމެއް ކަމަށް ބުނަން އެއްވެސް ޖާގައެއް އެބަ އެއްތޯއެވެ.