ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 15:49
ލިވަޕޫލް އަދި ސައުތުހެމްޕްޓަން ކުޅުނު މެޗުގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ތާވަލުގެ ތިންވަނައަށް ލިވަޕޫލް ޖެހިލައިފި
ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުން މޮޅުވެ ތާވަލުގެ ތިންވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސައުތުހެމްޕްޓަން ދޫކޮށް ދުނިޔޭގެ ރެކޯޑު ފީއަކަށް ލިވަޕޫލްއަށް ބަދަލުވި ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ވަނީ އެ ޓީމާއި ދެކޮޅަށް ކުޅެން ނުކުމެފައެވެ. ހަމައެހެންމެ ޖޯޑަން ހެންޑަސަންއާ ޖޭމްސް މިލްނާގެ ބަދަލުގައި ލިވަޕޫލްގެ ފުރަތަމަ އެގާރައިން މި މެޗުގައި ފުރުސަތު ދީފައިވަނީ ޖޯޖީނިއޯ ވައިނާލްޑަމް އަދި އެލެކްސް އޮކްސްލޭޑް ޗެމްބަލިންއަށެވެ.

ފުރަތަމަ ހާފު ފެށިގެން ހަ މިނެޓު ނުވަނީސް ލިވަޕޫލްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. މިއީ މި ސީޒަނުގައި ކުޅުނު މެޗުތަކުގައި ފިރްމީނޯ ޖެހި 20 ވަނަ ލަނޑެވެ. މި ލަނޑަށް ފަހުވެސް ލިވަޕޫލްއިން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ޖަހައިދިނީ ސަލާހުއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. މި ހާފުގައި ސައުތުހެމްޕްޓަންއިން ވެސް ވަނީ ކައުންޓާގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލިވަޕޫލްގެ ކުރިޔަށް ކުޅުނު ތިން ކުޅުންތެރިން ކަމަށްވާ މާނޭ އަދި ސަލާހުގެ އިތުރުން ފިރްމީނޯއަށް މި ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފަފައެއް ނުވެއެވެ.

މި މެޗުން މޮޅުވުމާއެކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޕްރިމިއާ ލީގުގައި 50 މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ އެ ޓީމުން މެޗާއި ކުރިމަތިލީ ސައުތުހެމްޕްޓަންއަކީ މޮޅު ޓީމެއްގެ ގޮތުގައި ދެކިގެން ކަމަށާއި މެޗުން މޮޅުވީ ކުޅުންތެރިން ފޯކަސް ގެއްލުވާނުލައި ދެއްކި ހިތްވަރުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ ލިވަޕޫލްއަށް ތިން ޕޮއިންޓް ހައްގު ކަމަށާއި މެޗުގައި ފެނިގެންދިޔައ ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

މި މެޗުން މޮޅުވުމާއެކު ލިވަޕޫލްއިން ވަނީ 27 މެޗުން 54 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ސައުތުހެމްޕްޓަން އޮތީ ކުޅުނު 27 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައެވެ.

- ކޮމެންޓް