ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 11:51
ޔުނައިޓެޑް އަދި ނިއުކާސަލް ކުޅުނު މެޗުގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ބަލިވެ ޔުނައިޓެޑް 16 ޕޮއިންޓް ފަހަތަށް
މި މެޗުން ޔުނައިޓެޑް ބަލިވީ 1-0 އިން
ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައި 56 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެ ތާވަލުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ 16 ޕޮއިންޓް ފަހަތަށް އެ ޓީމު ވެއްޓިއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބޮޑެތި ބަދަލުތަކެއް ގެނައިއިރު ޕައުލް ޕޮގްބާ އާއި އެންތަނީ މާޝިއާލް އަދި އޭޝްލީ ޔަންގް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މި މެޗާއި ކުރިމަތިލިއިރު ނިއުކާސަލްގެ ސްޓޭޑިއަމްގައި ކުޅުނު އެއްވެސް މެޗަކުން މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު އެއްވެސް ޓީމެއް މޮޅުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ނިއުކާސަލްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޔުނައިޓެޑުން ވަނީ ހާފުގެ މެދުތެރެއިން މެޗުގެ ކޮންޓްރޯލް ނަގައި ނިއުކާސަލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޖެސޭ ލިންގާޑްއާ އެންތަނީ މާޝިއާލް ފޮނުވާލި ހަމަލާތައް ނިއުކާސަލްގެ ކީޕަރު ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޔުނައިޓެޑުން ގޯލެއް ޖެހި ނަމަވެސް ގޯލު ޖެހުމުގެ ކުރިން ފައުލް ކޮށްފަ އޮތުމާއި ގުޅިގެން އެއީ ގޯލެއްގެ ގޮތުގައި ރެފްރީ ބަލައިގެންފައެއް ނުވެއެވެ. މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 65 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޓް ރިޗީއެވެ. މި ލަނޑަށް ފަހު ޔުނައިޓެޑުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމުން ވަނީ ނިއުކާސަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހުރިހާ ހަމަލާއެއްގެ ވެސް ހުރަހަކަށް ވެގެންދިޔައީ ނިއުކާސަލްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ އެ ޓީމުގެ ކީޕަރު މާޓިން ޑުބްރާވްކާއެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ މިއީ ނިއުކާސަލްއަށް ހައްގު މޮޅެއް ކަމަށާއި ނިއުކާސަލްގެ ލަނޑު ޖެހުމަށް އެ ޓީމަށް މަގުފަހިވެގެންދިޔައީ އަމިއްލަ ޓީމުގެ ޑިފެންސުން ހެދުނު ގޯހެއްގެ ސަބަބުން ކަމަށެވެ. ނިއުކާސަލްގެ ކޯޗު ރަފައޭލް ބެނިޓޭޒް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި މޮޅާއެކު ކުރިޔަށް ހުރި މެޗުތަކުގައި ޓީމުގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޔުނައިޓެޑް އޮތީ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ 16 ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގައެވެ. ނިއުކާސަލް އޮތީ 28 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.

- ކޮމެންޓް