ރައީސް މައުމޫން މިނިވަންކޮށް އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް، މިހާރުވެސް ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ފުރަތަމަ ފަަހަރަށް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު ދުންޔާ ކުރެއްވި ޓްވީޓެއްގައި އެ ކަމަނާ ވަނީ ވަކީލުންގެ ފުރުސަތާއި އާއިލީ ބައްދަލުވުމާއި، ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ކަމާބެހޭފަރާތްތަކަށް ގޮވާލައްވާފައެވެ.
I call upon the authorities to release & bring my father, HE @maumoonagayoom, Father of the Nation, home. I urge them to ensure proper access to his family, lawyers & medical care! @antonioguterres @PScotlandCSG @raad_zeid @theresa_may @realDonaldTrump @narendramodi @FedericaMog pic.twitter.com/FICF4ZSuax
— Dunya Maumoon (@dunyamaumoon) February 12, 2018
ދުންޔާ މައުމޫނުގެ ޓްވީޓްގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި، ރާއްޖެއިން އެ ޖަމައާތަކުން ވަކިވެފައިވާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއާއި ،އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، އދގެ އިންސާނީ ހައްގުތަކާއިބެހޭ އޮފީހުގެ ވެރިޔާ ޕްރިންސް ޒައިދު ރާދް އަލް ހުސައިންއާ، އީޔޫ ކޮމިޝަންގެ ނައިބް ރައީސް ފެޑެރިކާ މޮގަރިނީ ޓެގްކުރައްވާފައިވެއެވެ.
ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން އުޅޭކަމަށް ބުނެ ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު ފަހުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގެންފައިވާ ދުންޔާ މި މަހުގެ އަށްވަނަ ވިދާޅުވީ ބައްޕާފުޅު ޖަލަށް ވަޑައިގަންނަށް ޖެހުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
ރައީސް މައުމޫނު ހައްޔަރުކޮށްފައި ވަނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތުގައި ކަމަށް ބުނެއެވެ.