ފުލުހުން ކުރާ ތުހުމަތުތަކަށް ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އިންކާރު ކުރައްވައިފި އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން، ފާތިމަތު ނާސިރާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ނާސިރާ ބަންދުކޮށްފައި ވަނީ ދޫނިދޫގައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާސިރާގެ މައްޗަށް ޖުމްލަ ހަތަރު ތުހުމަތެއް ފުލުހުން ކުރެއެވެ. އެގޮތުން ޓެރަރިޒަމްގެ ތުހުމަތާއި، ރިޝްވަތު ހިފުމުގެ ތުހުމަތާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ތުހުމަތާއި، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ނާސިރާގެ މައްޗަށް ކޮށްފައިވެއެވެ.
ނާސިރާގެ ޤާނޫނީ ވަކީލް އަލީ އަބްދުލް ލަތީފް ވިދާޅުވީ ފުލުހުން ނާސިރާގެ މައްޗަށް ކުރި ހުރިހާ ތުހުމަތަކަށް ނާސިރާ އިންކާރު ކުރައްވާފައިވާ ކަމަށެވެ.
ފަނޑިޔާރު އަލީ ހަމީދުއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން، އެމަނިކުފާނާ ގުޅުން ހުރި އިތުރު ބޭފުޅުންތަކެއް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ، ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި، ޖަލު ހުކުމްތަކުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ހުކުމް ކޮށްފައިވަނިކޮށެވެ. އަލީ ހަމީދުއާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރި ފަހުން، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ވަނީ، ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ހުކުމުގައި އޮތް ބައި ބާތިލްކޮށްފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ އަލީ ހަމީދުއާއި އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފައެވެ.