ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 09:46
ރާއްޖެ ޓީވީގެ ޝޯވްއެއްގެ ތެރެއިން
ރާއްޖެ ޓީވީގެ ޝޯވްއެއްގެ ތެރެއިން
އަހުމަދު މުހުސިނު
ރާއްޖެ ޓީވީ
ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް
ރާއްޖެ ޓީވީގެ ޢާއްމު ކޮންޓެންޓް ހުއްޓާލުމުން ގިނަ ބަޔަކަށް ސިހުން ލިބުނު
ބައެއް މީހުން ސްލައިޑް އެކަނި އަޅުވައިގެންވެސް ބަލަން ތިބޭ

ދުވަހަކުވެސް މިހާވަރަކަށް އެއްކަމަކަށް ބަޔަކު ގުޅިކަމެއް ނާދެއެވެ. ރެއާ ދުވާލެވެ. ނިދުމުގެ ކުރިންވެސް އެތައް ފޯން ކޯލެކެވެ. ހެނދުނު ހޭލެވެނީވެސް ހަމަ އެފަދަ ފޯން ކޯލް ތަކުންނެވެ. އަހާލަނީ ހަމަ އެންމެ ވާހަކައެކެވެ. ފަށާނީ ކޮންއިރަކުން ހެއްޔެވެ.

ރާއްޖެ ޓީވީގެ ޢާއްމު ކޮންޓެންޓް ދުރަށް ފޮނުވުން މެދުކަނޑާލުން ވެގެން ދިޔައީ ދިވެހިރައްޔިތުންގެ ހިތްތައް ކަތިލި ކަމަކަށެވެ. އެތައް ބަޔަކަށް ބުނަން ނޭނގޭ ހިތްދަތި ކަމެއް ލިބުނު ކަމަކަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރޭ ރާއްޖެ ޓީވީގެ ކޮންޓެންޓް ވަގުތުން މެދުކަނޑާލުމާއެކު ކެނޑިނޭޅި އޮފީހުގެ ރިސެޕްޝަނަށް ފޯނުކޯލްތައް އަންނަމުން ދިޔައެވެ. އެއްބަޔަކު ބުނީ އަރައިގަތީ ހެއްޔެވެ. އަނެއް ބަޔަކު ބުނީ އެއްކޮށް ހުއްޓާލީ ހެއްޔެވެ. އެންމެންގެ ފޯނުކޯލް ވެސް ނިންމާލަނީ ދެން ފަށާނީ ކޮން އިރަކުން ހެއްޔޭ އަހާލާފައެވެ.

އެހާ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. ބައިބަޔަށް އޮފީސް ދޮށަށް މީހުން އެއްވިއެވެ. ހަމަ ފާޅު ކުރަމުން ދިޔައީ އެޝުއޫރެވެ. އެއްބަޔަކު ފެންކަޅިވެފައިވާ ހާލުގައެވެ. އަސަރާއެކުގައެވެ. ތިޔަކުދިން ތިޔަކުރާ ހިތްވަރަށް ހަމަ ސާބަހޭ ތިޔައީ ޤައުމީ ބަތަލުންނޭ ނުބުނާ ހަމަ އެންމެ މީހަކު ނުދެއެވެ.

މަގުމަތިން ފެނުނީމާވެސް ހުއްޓުވާފައި ހާލު އަހުވާލު އަހާލުމަށްވުރެ ކުރިން އަހަނީ ހަމަ އެވާހަކައެވެ. ދެން ފަށާނެ އިރެކެވެ. ބައެއް މީހުން ބުނެލައެވެ. ނޫނޭވާ ތިޔައީ ހިތްވަރުގަދަ ބައެކެވެ.

ސޯޝަލް މީޑިޔާ ފްލަޑްވީ ވެސް މި ވާހަކަ ތަކުންނެވެ. ރާއްޖެ ޓީވީ މިސްވެގެން އުޅުނު މީހުން އެވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވަނީ މަދެއްކަ ބައިވަރެއް ނޫނެވެ. ކޮންޓެންޓް ހުއްޓާލާފައި ދައްކާފައި ހުރި ސްލައިޑް އެޓޭޗްކޮށް އެތައް ބަޔަކު އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިޔާއަށް ބަންޑުން ކޮށްލާފައިވެއެވެ. ސަރުކާރަށާއި ބްރޯޑްކޮމްއަށް ރައްދުކޮށް ގޮވި ވާހަކަތައް ލިޔެވޭވަރަށްވުރެ މައްޗަށްވެސް ގޮސްފައި އެބަހުއްޓެވެ.

މަގުމަތިން ދިމާވެގެންނާ އޮފީހަށް އައިސް އަދި ގުޅާފައި ހިއްސާކުރި ބައެއް ވާހަކަތަކަށް ބަލާލާނަމެވެ. އެއްބަޔަކު ބުނީ ރާއްޖޭގެ ވެރިކަން ބަދަލުވި ދުވަހަށްވުރެ ދެރަވެއްޖެ ކަމަށެވެ. އަނެއް ބަޔަކު ބުނީ މަންމަ ގޭގައިވެސް ނުއިނދެ މަގުމައްޗަށް ނުކުމެއްޖެ ކަމަށެވެ. ޓީވީއެއް ދެން ނުބަލާނަމޭ ބުނެ ވާގަނޑު އުފުރާލާފައި އެބަހުރި ކަމަށްވެސް ބައެއް މީހުން ބުންޏެވެ. ރާއްޖެ ޓީވީއެއް ނުބަލާނަމޭ ބުނެ އެހެން ޓީވީއެއް ބެލުން ހަރާމޭ ބުނި މީހުންވެސް މީގެ ތެރޭގައި އުޅުނެވެ. ޓީވީގެ ކޮންޓެންޓް މެދުކަނޑާލާފައި ނަގާފައި ހުރި ސްލައިޑް އަޅުވައިގެން އެއަށް ބަލަހައްޓައިގެންވެސް ދުވާލު ދެދަޅައަށް ތިބޭމީހުންވެސް މިދިޔަ ދުވަސްކޮޅުގެ ތެރޭގައި އުޅުނެވެ.

އެންމެންވެސް ބުނަނީ އެހެން ވާން ޖެހުނީ ހަމަ އެންމެ ކަމަކާހުރެ ކަމަށެވެ. ވާނުވާ އެނގެނީ ތިޔަ ޓީވީންނޭވެ. ތިޔަކުދިން ދައްކާ ވާހަކަތަކުން ކަންކަން އޮޅުން ފިލާ ކަމަށެވެ. ރާއްޖޭގެ ހާލަތު ތިޔަ ޓީވީން ނޫނީ ނޭނގޭ ކަމަށެވެ. ފެންނަ މަންޒަރުތަކާއި ދައްކާ ވާހަކައާ ރާއްޖޭގައި ކަންހިނގާ ގޮތާ ދިމާވަނީ ތިޔަ ޓީވީން ބަލައިގެން ކަމަށެވެ.

ރާއްޖެ ޓީވީގެ ޢާއްމު ކޮންޓެންޓް މެދުކެނޑިފައި އޮވެ އަލުން ފެށުމުގެ ތައްޔާރީތައް ވަމުންދިޔައިރު ދެއްކި ކަލަރ ބާ ފެނިފައިވެސް މީހުންނަށް ލިބުނީކީ އަމަށަކު ޖޯޝެއް ނޫނެވެ. އެއްބަޔަކު ގޭތެރޭގައި އަތްޖަހަން ފެށިއެވެ. ފަށައިފިތޯ ބަލާލުމަށް އިރުއިރުކޮޅާ ހުޅުވާލާ މީހުންނަށް ކަލަރ ބާ ފެނުމާއެކު ހީވީ ދެންމެ ދެންމެ އެ ޓީވީ ފަށަނީ ކަމަށެވެ. އުފަލުން ހެއްދެވި ފަރާތައް ޝުކުރު ކުރިއެވެ. އަލްހަމްދު ﷲ އޭ ބުނެ އަޑުގެ ކޮޅަށް ގޮވާލެވުނު ކަމަށްވެސް ބައެއް މީހުން ބުންނެވެ.

ކޮންމެއަކަސް ރާއްޖެ ޓީވީ ދެކެ މީހުން ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. ރާއްޖެ ޓީވީ ނޫން އެއްޗެއް ނުބަލާން ތިބީ އެތައް ބައެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބުނު ކޮމެންޓްތަކާއި ބުނަމުންދިޔަ ބަސްތަކުން އެނގެނީ ރާއްޖެ ޓީވީއަކީ އެއް ނަންބަރު ޓީވީ ޗެނަލް ކަމެވެ. ރާއްޖެ ޓީވީއާ ނުލައި ބަޔަކަށް އުޅެން ދަތިވެއްޖެ ކަމެވެ. އެކަން އެނގެނީ ހަމައެކަނި ފޮނުވާ ބޮނޑިބަތާއި ކުޅިމަހުން އެކަނި ނޫންކަމެވެ. ފޮނުވަމުންދާ ޖޫހާއި ހެދިކާ އަދި ރާއްޖެ ޓީވީގެ ޓީމާއެކު ފަޅަން އެއަންނަ ގިނަ ކޭކުތަކުން އެކަންޏެއް ނޫނެވެ. އެކަން މިފަހަރު މިއެނގުނީ މުޅިން އެހެން ގޮތަކުންނެވެ. ވަގުތުކޮޅަކަށް ނަމަވެސް މެދު ކެނޑުނީތީ ދިވެހިރައްޔިތުންނަށް ލިބުނު ހިތްދަތިކަމުންނެވެ. ކުރެވުނު އިހްސާސް ތަކުންނެވެ. މިހާރުގެ ގޮތައްނަމަ މިސްވި މިސްވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް