ޔޫކްރެއިންގެ ޝަކްތަރު ޑޮނޭޓްސްކްއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެ ޓީމު ދޫކޮށް މެންޗެސްޓާ ސިޓީއަށް ބަދަލުވާން ނިންމައިފިއެވެ.
އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ސިޓީއާ ގުޅޭނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ. އޭނާ އެ ޓީމަށް ބަދަލުވާނީ 44.5 މިލިއަން ޕައުންޑްގް ފީއަކަށެވެ. ސިޓީއިން ވަނީ މި ނިމުނު ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް ފްރެޑް ގެންދިޔުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް އޭނާ ވިއްކާލުމަށް ޝަކްތަރުން ދެކޮޅު ހެދުމާއި ގުޅިގެން ސިޓީއިން ނިންމީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އޭނާ ގެނައުމަށެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހުރިހާ ފަރާތްތަކުން ވަނީ ފްރެޑްގެ ހުރިހާ ކަމަކަށް އެއްބަސްވެފައެވެ. ފްރެޑްގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ އާސެނަލްއަށް ކުރިން ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ޖިލްބާޓޯ ސިލްވާއެވެ. ފްރެޑްގެ އާއިލާގެ މެމްބަރަކު ބުނެފައިވަނީ 2017 ވަނަ އަހަރު އޭނާ ހޯދުމަށް ސިޓީއިން މަސައްކަތް ފެށި ހިސާބުން ފްރެޑް ވަނީ ސިޓީއަށް ބަދަލުވުމަށް ގިނަ މަސައްކަތްތަކެއް އޭނާގެ ފަޅިންކޮށްފައެވެ. އޭގެތެރޭގައި ޝަކްތަރުގެ މެނޭޖްމަންޓާއި މަޝްވަރާކުރުން ހިމެނެއެވެ.
ސިޓީއިން ފްރެޑް ގެނައުމަށް ނިންމީ ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދް މަހަރޭޒް އެ ޓީމަށް ނުގެނެވުމާއި ގުޅިގެންނެވެ. މަހަރޭޒް ގެނައުމަށް ސިޓީއިން ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ކުރި މަސައްކަތް ނާކާމިޔާބުވިއިރު ޖެނުއަރީގައި ސިޓީއަށް ގެނައި ހަމައެކަނި ކުޅުންތެރިޔަކީ އެތްލެޓިކް ބިލްބާއޯއަށް ކުޅުނު ފްރާންސްގެ ޒުވާން ޑިފެންޑަރު އެމެރިކް ލަޕޯޓްއެވެ. އޭނާ އެ ޓީމަށް ސޮއިކުރީ 57 މިލިއަން ޕައުންޑްގެ ފީއަކަށެވެ.
ބްރެޒިލްގެ އިންޓަނިސިއޮނާލްއިން ކެރިއަރު ފެށި ފްރެޑް ޝަކްތަރަށް ބަދަލުވީ 2011 ވަނަ އަހަރުއެވެ. އެ ޓީމަށް ކުޅުނު 142 މެޗުގައި އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 12 ލަނޑު ޖަހައިދީފައެވެ. ފްރެޑް ވަނީ ޝަކްތަރާއެކު ހަ ތަށްޓެއް ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ހަ މެޗު ކުޅެދީފައެވެ.