ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 17:07
ބެންގަލޫރު އެފްސީގެ ޓީމު
ބެންގަލޫރު އެފްސީގެ ޓީމު
ޓްވިޓަރ
އޭއެފްސީ ކަޕް 2018
އެމްއެންޑީއެފްގެ ޔަގީންކަމާއެކު ބެންގަލޫރު އެފްސީ މެޗު ކުޅުމަށް ރާއްޖެއަށް
ދެވަނަ ލެގުގެ މެޗު އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު

އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ މާދަމާ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާއިރު ސަލާމަތީ ކަންކަމުގެ ފުރިހަމަ ޔަގީންކަން އެމްއެންޑީއެފްއިން ދީފިއެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއިން ވަނީ މި މެޗު އަންގާރަ ދުވަހު ކުރިޔަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ. އެގޮތުން ރާއްޖޭގެ ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްއިން އޭއެފްސީއަށް ފޮނުވި ސިޓީއެއްގައި އެ އިދާރާއިން ވަނީ މި މެޗު ކުރިޔަށް ގެންދިޔުމުގައި ފުރިހަމަވާންޖެހޭ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭއެފްސީއަށް އަރުވާފައެވެ.

އެމްއެންޑީއެފްއިން އޭއެފްސީއަށް ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ މި ދެ ޓީމު ބައްދަލު ކުރާ މެޗުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އެ އިދާރާއިން ނަގާ ކަމަށާއި އެ މެޗު ކުރިޔަށް ގެންދިޔުމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. ހަމައެހެންމެ މި މެޗުގެ ސަލާމަތީ ކަންކަމަށް އެންމެ މަތީ ފެންވަރުގެ ސަމާލުކަމެއް އެމްއެންޑީއެފްއިން ދޭނެ ކަމަށް ވެސް މި ސިޓީގައި ވެއެވެ.

ބެންގަލޫރު އެފްސީގެ ޗީފް ޓެކްނިކަލް އޮފިސަރު މަންދަރު ތަމްހާނޭ ވިދާޅުވީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން މެދުވެރިކޮށް އޭއެފްސީއާ ވާހަކަ ދައްކާފައިވާ ކަމަށާއި މެޗު ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ރައްކާތެރި މާހައުލެއް ރާއްޖޭގައި އޮތްކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާއިން ދީފައިވާ ކަމަށާއި އެހެންކަމުން ޝެޑިއުލް ކުރެވިފައިވާ ގޮތަށް އަންގާރަ ދުވަހު މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއާގެ ޓީމެއް ރާއްޖެއަށް ސަރަހައްދީ މެޗެއް ކުޅުމަށް އަންނައިރު ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލާ އިންޑިއާއިން ވަނީ ރާއްޖެއާ ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

ޓީސީއާ ބެންގަލޫރު އެފްސީ ކުޅޭ ފުރަތަމަ ލެގުގެ މެޗު އަންގާރަ ދުވަހު އޮންނައިރު ދެވަނަ ލެގުގެ މެޗު އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.  

- ކޮމެންޓް