ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މިދިޔަ އަހަރުގެ ޖުލައި 3 ވަނަ ދުވަހު ހުށަހެޅީ، އޭގެ ކުރިން ދެ ފަހަރު މައްސަލަ ބޭރުކޮށްލާފައި ވަނިކޮށެވެ. ފުރަތަމަ ފަހަރު މައްސަލަ ބޭރުކޮށްލީ ރޯލްކޯލް ވޯޓަކަށް ގެންގޮސްގެނެވެ. ދެ ވަނަ ފަހަރަށް މައްސަލަ ހުށަހެޅުމުން، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަންވާނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ކަނޑައެޅިއެވެ. މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް ޕީޕީއެމް އާއި ސަރުކާރުން ބޭނުންވި އަދަދެއް ޖަހައިގެން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތަށް، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ވެސް، ސަރުކާރުން ގާނޫނީ މަގު ހިޔާރުކުރަން ބޭނުމެއް ނުވެއެވެ.
އަމިއްލަ އަށް އުފެއްދި ބަހަނާތަކެއް ދައްކައި މައްސަލަ ބޭރުކޮށްލިއެވެ. ފުރަތަމަ ބަހަނާއަކަށް ހެދީ އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުގެ ސޮޔަކީ ސައްހަ ސޮޔެއް ނޫން ކަމެވެ. ނަމަވެސް ފަހުން އެއީ ސައްހަ ސޮޔެއްކަން އޭނާ އަމިއްލަ އަށް ވިދާޅުވިއެވެ. އަދި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލިގެންދާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ހޯދައި، ގާނޫނު އަސާސީއާ ހިލާފަށް 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލިއެވެ. ނަމަވެސް، ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަން މިވަނީ ކަށަވަރުވެފައެވެ.
ސުޕްރީމް ކޯޓްގެ ވަރުގަދަ މި ނިންމުމާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ދެން ވާނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ.
މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ގެއްލިގެން ނުދާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، އެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދިރި އޮންނާނެ ކަމަށެވެ. އެހެންވެ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ބަޔާން އިއްވުމަށް މި މަހުގެ 5 ގައި ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮންނަން ޖެހޭނީ މަސީޙުގެ އިތުބާރު ނެތް މައްސަލަ ކަމަށެވެ.
"އެ މަޖިލީހުގައި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ގޮތެއް ނިންމައި، އޭނާ މަގާމުން ދުރުކުރުމަށް ފަހު ދެން ބާއްވަން ޖެހޭނީ ރިޔާސީ ބަޔާން އިއްވުން. ރިޔާސީ ބަޔާން އިއްވުން ކުރިއަށް ގެންދެވޭނެ މަޖިލީހުގެ ނާއިބު ރައީސް ރިޔާސަތުގައި އިންނަވައިގެން. އަދި އާ ރައީސަކު ހޮވުމަށް އެހެން ޖަލްސާއަށް އެޖެންޑާކޮށްގެން ކުރިއަށް ގެންދެވޭނެ،" ޝާހިދު ވިދާޅުވިއެވެ.
ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ވިދާޅުވީ ފެބްރުއަރީ 5 ގައި ބާއްވާ ޖަލްސާގެ ކުރިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
"އެ މައްސަލަ ނުނިންމައި، މަޖިލީސް ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލެއް ނުކުރަން،" އަލީ ހުސައިން ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން މުހިންމު އެތައް މައްސަލަތަކާއި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުވާ މައްސަލަތަކާއި ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވާއިރު އެ މައްސަލަތަކުގެ ސައްހަކަމާ މެދު ވެސް ގޮތްތަކެއް ކަނޑައަޅަންޖެހެއެވެ. އިދިކޮޅު ފަރާތްތަކުން ކުރިން ބުނެފައި ވަނީ މަސީހުގެ މައްޗަށް އިތުބާރު ނެތްއިރު، އޭނާއަކީ މަޖިލީހުގެ ރައީސް ކަމަށް ބަލައި ނުގަންނަވާ ކަމަށާއި އަދި މަޖިލީހުން ނިންމާ ނިންމުންތަކަކީ ވެސް ގާނޫނާ ހިލާފު ނިންމުންތަކެއް ކަމަށެވެ.
އެހެންވެ މި މައްސަލައަށް ވެސް ހައްލެއް ހޯދަންޖެހޭނެއެވެ.
ޝާހިދު ވިދާޅުވީ އެފަދަ މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތެއް މަޖިލީހުން ކަނޑައަޅާނެ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދަވަޑައިގަތުމަށް ބަޔަކު ހުރަސް އެޅި މައްސަލަ އާއި އެ މެމްބަރުންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅި މައްސަލަ މަޖިލީހުން ވެސް ތަހްގީގުކޮށް ފިޔަވަޅު އަޅަންޖެހެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ފައިދާއަށް މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ހައްގުތައް ނިގުޅައިގަނެ، އަދި މަސީހުގެ މައްޗަށް އިތުބާރު ނެތި އޭނާ ރިޔާސަތުގައި ހުންނެވި މައްސަލަ ބަލައި އެކަމަށް ހައްލެއް ނުހޯދައިފި ނަމަ މުޅި ބަރުލަމާނު ހަރާބުވެގެންދާނެއެވެ. އެކަމަށް ހައްލު ހޯދަން ޖެހެއެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ރައީސް ޔާމީން ބޯނުލެނބި ނަމަވެސް މަޖިލީހުން އެއާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ.