ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 04:25
ރައްޔިތުން އުފަލުން ރޮވިފައި
ރައްޔިތުން އުފަލުން ރޮވިފައި
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓުގެ ހުކުމް
ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި
މަގުތަކަށް މީހުން އެއްވެ ދަނީ އުފާ ފާޅު ކުރަމުން
އެމްޑީޕީ ހަރުގެ ކައިރި ފުރާލައިފި
ރައްޔިތުން ބުނަނީ ޤާނޫނީ ވެރިކަން އަނބުރާ އިއާދަ ވަނީ ކަމަށް

މުޅި ޤައުމު އުފަލުން ފެންކަޅިވެއްޖެއެވެ. އެކަކު އަނެކަކަށް ސަލާންކޮށް ކަރުކަރުޖައްސަން ފަށައިފިއެވެ. ދެނެކާ ދެނެއް ނެތެވެ. ސޯޝަލް މީޑިޔާ އެއްކޮށް ފްލަޑްވެއްޖެއެވެ. ގުގުމަމުން ދިޔައީ ﷲ އަކްބަރުގެ ތަކުބީރާ އެކު އެވެ. އިވެމުންދިޔައީ އަލްޙަމްދު ލިލާހިއޭ ގޮވަންފެށި އަޑެވެ. އުފަލުގެ ކޮޅާ ކޮޅެއް ނެތެވެ. ކަންކަންމަތި ފުރިއްޖެއެވެ. މަގުތަކަށް މީހުން ނުކުމެ ޤައުމީ ދިދަ ވިހުރަން ފަށައިފިއެވެ.

އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ޤައުމަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ އަނިޔާވެރިކަމަށްޓަކައި ރައްޔިތުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. ސަރުކާރާ ދެކޮޅަށް އެއްވެވޭނެ ގޮތެއް ނެތިފައެވެ. ސަރުކާރުން ކުރަމުންދާ ކަންކަމާމެދު ސުއްބުވެސް ބުނެލާން ނުކެރިފައެވެ. ތުންފިއްތައިގެން ތިބީ އެނޫން އެއްވެސް ގޮތެއް ނެތިގެންނެވެ. ސަރުކާރުން ކުރާނެހާ ކަމެއް ކުރާތަން ބަލާށެވެ. ބޭނުންވީމާ ބޭނުންމީހަކު ހައްޔަރުކޮށް ބޭނުން ގޮތަކަށް ޤާނޫންތައް އަނބުރަމުން ދިޔައިރު ރައްޔިތުން ތިބީ ކުޑަވައި އިނގިލިވެސް ހިއްލާލަން ނުކެރިފައެވެ.

މި ހިތްދަތިކަމާއެކު ތިއްބާ ބުރާސްފަތި ދުވަހުގެ އިރާކޮޅު ސުޕްރީމް ކޯޓުން އެނެރުނީ އާދައިގެ އަމުރެއް ނޫނެވެ. ރޯމުގެ ޤައިސަރު ބާރާއެކު ކުރަމުންދިޔަ ބިރުވެރި އަނިޔާވެރި ވެރިކަން ވެއްޓުނު ފަދައިން ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހޭފަދަ އަމުރެކެވެ. ޤާނޫން އަސާސީއާ ޤާނޫން ތަކާ ދެކޮޅަށް ކޮށްފައި ހުރިކަންކަން ވަގުތުން ހުއްޓުވާ ޤާނޫނީ ދުސްތޫރީ ވެރިކަމެއް އަލުން އަނބުރާ އިއާދަވުމެގެ ވަގުތު ޖެހުނު ކަމުގެ އަމުރެކެވެ. ސިޔާސީ ޙުކުމްތައްކޮށް އެއްވެސް އިންސާފެއް ނެތި ހައްޔަރުކޮށްފައިވާ ލީޑަރުންތައް ވަގުތުން ވަގުތައް ދޫކޮށްލުމަށް މުޅި އެންމެހާ ފަރާތްތަކަށް އެކުރި އަމުރުން ރައްޔިތުން އުފަލުން ފޮޅިއްޖެއެވެ. އެވެރިން ބުނަމުން އެދަނީ ޙައްޤަށް ނަސްރު ލިބިއްޖެ ކަމަށެވެ. މިއަދު އެބުނަނީ މިހެންނެވެ. އެންމެންވެސް އެބުނަނީ ހަމަ އެހެންނެވެ.

ޙައްޤު އަތުވެއްޖެއެވެ. ބާތިލް ނެތި ހިނގައްޖެއެވެ. ބާތިލަކީ ނެތެންވީ އެއްޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް