ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 22:02
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ
ގޯލް.ކޮމް
އެންޓޯނިއޯ ކޮންޓޭ
ޗެލްސީގެ ނަތީޖާތައް އަނބުރާލެވޭނެ: ކޮންޓޭ
މި ސީޒަނުގައި ޗެލްސީ ކުޅުނު 39 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 22 މެޗުން

ޗެލްސީއިން މި ސީޒަނުގެ މިހާތަނަށް ހޯދާފައިވާ ހުރިހާ ނަތީޖާއެއް އަނބުރާލެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭ މިހެން ބުނެފައި ވަނީ ޗެލްސީގެ ފަރާތުން ސީޒަނުގެ މިހާތަނަށް ފެންނަމުންދާ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޓީމަށް ކުރިމަތިވެފައިވާ ފާޑު ކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެގޮތުން އެންމެފަހުން ވެސް ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ވެސް 3-0 އިން ވަނީ ބަލިވެފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަނުންގެ ގޮތުގައި އެ ޓީމު ސީޒަން ފެށި ނަމަވެސް މި ސީޒަނުގެ މިހާތަނަށް ދިޔައިރު އެ ޓީމު އޮތީ ތާވަލުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ 18 ޕޮއިންޓް ފަހަތުގައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޮންޓޭ ބުނީ މިއީ އާންމު ކަމެއް ކަމަށާއި ކޯޗެއްގެ ހައިސިއްޔަތުން ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ޗެލްސީއަކީ ބޮޑު ޓީމަކަށް ވުމާއެކު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުންނަ ކޮންމެ މީހަކަށް ވެސް އެފަދަ ފާޑު ކިޔުންތައް އަމާޒުވުމަކީ ވަޒީފާގެ ގޮތުން ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ ސީޒަނުގެ ފުރަތަމަ މެޗުގައި ބާންލީ އަތުން ބަލިވުމާއެކު ވެސް މީޑިއާގައި ތަފާތު ވާހަކަތައް އެނބުރި ކަމަށާއި މިހާރު ވެސް ކަން ހިނގަމުން ދަނީ އޭރުވެސް ކަން ހިނގަމުންދިޔަ ގޮތާއި އެއްގޮތަށް ކަމަށެވެ.

ކޮންޓޭ ބުނީ އޭނާގެ އިރުޝާދުގެ ދަށުގައި އޮތް ސްކޮޑަށް އެންމެ ރަނގަޅަށް ކޯޗުކަން ކޮށްދެވޭތޯ ބަލަމުންދާ ކަމަށާއި އެއްވެސް މީހަކަށް އޭނާ މަސައްކަތްކުރަމުން ނުދާ ކަމަށް ބުނެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އޭނާ ބުނީ މިހާތަނަށް ޗެލްސީގެ ކޯޗެއްގެ ގޮތުގައި ރަނގަޅަށް ޒިންމާ އަދާކޮށްފައިވާނެ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް އެ ކުޅުންތެރިންގެ ގާބިލިއްޔަތުކަން ތަންދިން މިންވަރަކުން އެންމެ ރަނގަޅު ކުޅުން ދެއްކުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ޗެލްސީއިން ހޯދަމުން އަންނަނީ ސަޕޯޓަރުން އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ނަތީޖާ ކަމަށެވެ.

މި މަހުގެ ތެރޭގައި އެ ޓީމުން ނެރުނު ނަތީޖާތަކާއި ގުޅިގެން ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ފުރުސަތު ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އެ ޓީމަށް ފުރުސަތު ގެއްލިއްޖެނަމަ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް އެ ޓީމަށް ފުރުސަތު ގެއްލޭނެއެވެ. މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ކޮންޓޭ ބުނީ އެގޮތަށް އެކަން ވިޔަ ނުދިނުމަށް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ މި ސީޒަނުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

މި ސީޒަނުގައި ޗެލްސީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ސްކޮޑުގައި ކުޅުންތެރިން މަދުވުމުގެ މައްސަލައެވެ. އެހެން ނަމަވެސް މި ޖެނުއަރީގެ ޓްރާންސްފާ މާކެޓުގައި އެ ޓީމަށް ވަނީ ތިން ކުޅުންތެރިޔަކު ގެނެސްފައެވެ. އެގޮތުން ރޯމާއަށް ކުޅުނު އެމާސަން ޕަލްމިއޭރީ އާއި އެވަޓަންއަށް ކުޅުނު ރޮސް ބާކްލީގެ އިތުރުން އާސެނަލްއަށް ކުޅުނު ފޯވާޑް އޮލިވިއާ ޖިރޫ ވަނީ އެ ޓީމަށް ގެނެސްފައެވެ. ކޮންޓޭ ބުނީ މި ކުޅުންތެރިންނާއެކު އެ ޓީމަށް ސީޒަނުގެ ބާކީބައިގައި ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ޗެލްސީ ކުޅުނު 39 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 22 މެޗުންނެވެ. 11 މެޗުން އެއްވަރުވެފައިވާއިރު ހަ މެޗުން ވަނީ ބަލިވެފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް